އަރަބި ލީޑަރުންގެ އިންޒާރެއް އީރާނަށް: ތި ދޭ ހަމަލާތަކަކީ މުޅި ސަރަހައްދަށް އޮތް ނުރައްކަލެއް، ތިކަން ވަގުތުން ހުއްޓާލާ
ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، އުރުދުންގެ ރަސްގެފާނު އަބްދުﷲ އަދި ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އައްޘާނީ ޖިއްދާގައި ބޭއްވި ބައްދަލުވުމެއްގައި، އީރާނުން ދެމުންދާ ހަމަލާތަކަކީ މުޅި ސަރަހައްދުގެ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ވިދާޅުވެ އިންޒާރު ދެއްވައިފިއެވެ.
ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ތިން ގައުމުގެ ލީޑަރުން ވަނީ ސަރަހައްދުގައި މިހާރު ހިނގަމުންދާ އަސްކަރީ ކުރިމަތިލުންތަކާއި، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މިނިވަންކަމަށް ހުރި ހުރަސްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ހަކަތައިގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާއި، މީގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ކުރާނެ ނޭދެވޭ އަސަރުތަކާ މެދުވެސް ލީޑަރުން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) ގެ ގައުމުތަކަށާއި އުރުދުންއަށް އަމާޒުކޮށް އީރާނުން ދެމުންދާ ހަމަލާތަކަކީ، ހާއްސަކޮށް އާންމުން ދިރިއުޅޭ ތަންތަނާއި މުހިންމު ވަސީލަތްތަކަށް ދޭ ހަމަލާތަކަކީ ނުރައްކާތެރި ހަމަލާތަކެއް ކަމަށް ލީޑަރުން ސިފަކުރެއްވިއެވެ. މި ހަމަލާތަކުގެ ސަބަބުން ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވަމުންދާކަން އެ ބޭފުޅުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ އެމެރިކާ-އިސްރާއީލާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ފެބްރުއަރީ 28 ގައި މި ހަމަނުޖެހުންތައް ފެށުނީއްސުރެ، ސައުދީ، އުރުދުން އަދި ގަތަރު ފަދަ ގައުމުތަކުން މި ހަނގުރާމައިގައި ބައިވެރިނުވާނެ ކަމަށް ބުނަމުންދިޔަ ނަމަވެސް، އެ ގައުމުތަކަށް އީރާނުގެ ހަމަލާތައް ތަކުރާރުކޮށް ވަނީ އަމާޒުވެފައެވެ.
މީގެ އިތުރުން، ސައުދީ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން ވަނީ ޖީސީސީ، ރަޝިޔާ އަދި އުރުދުން ގުޅިގެން ބޭއްވި ވީޑިއޯ ކޮންފަރެންސް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ އީރާނުގެ ހަމަލާތަކުގެ ސަބަބުން ސަރަހައްދުގެ ގައުމުތަކަށް ކުރިމަތިވަމުންދާ ނަތީޖާތަކާ ބެހޭގޮތުންނެވެ.
Ads by MACL
