ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގައުމީ ކޯޗުގެ ރަނގަޅު ވިސްނުމެއް؛ "ތަޖުރިބާހުރި ކުޅުންތެރިން ޓީމަށް ނެގީ ޒުވާން ކުޅުންތެރިންގެ ކުރިއެރުމަށް"

ގައުމީ ކޯޗުގެ ރަނގަޅު ވިސްނުމެއް؛ "ތަޖުރިބާހުރި ކުޅުންތެރިން ޓީމަށް ނެގީ ޒުވާން ކުޅުންތެރިންގެ ކުރިއެރުމަށް"

ޤައުމީ ޓީމަށް ދުވަސްތަކެއް ވަންދެން ނުކުޅެ ތިބި ތަޖުރިބާކާރު ކުޅުންތެރިންތަކަކަށް މި ފަހަރުގެ ސްކޮޑުން ފުރުސަތު ދިނީ، ޒުވާން ކުޅުންތެރިންނަށް އޭގެ ލާބައާއި މަންފާ ހޯދައިދީ، ޓީމަށް އެހީތެރިވުމުގެ ބޭނުމުގައި ކަމަށް ޤައުމީ ޓީމުގެ ހެޑް ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، އިސްޓަވާން އުރުބާނީ ބުނެފި އެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި މާދަމާ ޓިމޯ ލެސްޓޭއާ ދެކޮޅަށް ޤައުމީ ޓީމު ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އުރުބާނީ ބުނީ، އޭނާ މީގެކުރިން ކޯޗަކަށް ހުރި ދުވަސްވަރު ޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް މި ފަހަރު ފުރުސަތު ދިނީ އޭނާގެ ކުޅުމުގެ ސްޓައިލާއި އެޕްރޯޗް ޒުވާން ކުޅުންތެރިންނަށް ބުނެދިނުމަށެވެ.

"އަހަރެން ކުރިން ޓީމުގެ ކޯޗަކަށް ހުރި ދުވަސްވަރު ކުޅުނު ބައެއް ކުޅުންތެރިން މި ޓީމަށް ނެގީ، އަހަރެން ބޭނުންވީ އަހަރެންގެ ސްޓައިލާއި އަހަރެންގެ އެޕްރޯޗް، އެ ކުޅުންތެރިން ލައްވާ ޒުވާން ކުޅުންތެރިންނަށް ބުނެދޭން. އޭރުގެ ކުޅުންތެރިންނަށް އެނގޭނެ އަހަރެންނަކީ ކާކުކަން. އެހެންވީމަ އެ ކުޅުންތެރިންގެ ފަރާތުން ޒުވާން ކުޅުންތެރިންނަށް ކަންތައްތަކެއް ދަސްވާނެ،" އުރުބާނީ ބުންޏެވެ.

މިފަހަރުގެ ސްކޮޑުން ފުރުސަތު ދިން ތަޖުރިބާކާރު ކުޅުންތެރިންގެ ތެރޭގައި އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ އަމްދާން (އޭންޑީ) ހިމެނެއެވެ. އުރުބާނީ ބުނި ގޮތުގައި އަޝްފާޤް ފަދަ ކުޅުންތެރިންނަކީ އަދިވެސް ޓީމަށް މުހިންމު ފައިދާތަކެއް ކުރުވާނެ ކުޅުންތެރިންނެވެ. އެ ކުޅުންތެރިންގެ ތަޖުރިބާއާއި ހުނަރަކީ މެޗުތެރެއިން ޓީމަށް ލިބޭނެ ބޮޑު ކުރިއެރުމެއްކަން އޭނާ ފާހަގަކުރިއެވެ.

ކޯޗު ހާމަކުރި ގޮތުގައި މާދަމާގެ މެޗަށް އެކުލަވާލި ސްކޮޑުގެ އެވަރެޖް އުމުރަކީ 31 އަހަރެވެ. ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުން ވަނީ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ. މި މެޗުގައި ޤައުމީ ޓީމު ދަނޑުމަތީގައި ލީޑުކުރާނީ ކެޕްޓަން އަލީ ސަމޫޙެވެ.

ރާއްޖެއާއި ޓިމޯ ލެސްޓޭ ބައްދަލުކުރާ މި މެޗު އޮންނާނީ މާދަމާ ހަވީރު 15:30 ގައި، ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.