އެފްރިކާ ކަޕް އޮފް ނޭޝަންސްގައި ކުޅޭ ޓީމުތަކުގެ އަދަދު 28 އަށް އިތުރުކުރަން ނިންމައިފި
އެފްރިކާ ބައްރުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޮން) ގައި ވާދަކުރާ ޓީމުތަކުގެ އަދަދު 24 އިން 28 އަށް އިތުރުކުރުމަށް އެފްރިކާގެ ފުޓްބޯޅަ ފެޑެރޭޝަން (ކެފް) އިން ނިންމައިފި އެވެ.
މިކަން އިޢުލާން ކުރެއްވީ މިދިޔަ އާދީއްތަ ދުވަހު ގާހިރާގައި ބޭއްވި ކެފްގެ އެގްޒެކެޓިވް ކޮމިޓީ ބައްދަލުވުމަށްފަހު އެ އިދާރާގެ ރައީސް ޕެޓްރިސް މޮޓްސެޕޭ އެވެ.
2019 ވަނަ އަހަރުން ފެށިގެން އެފްކޮން ފައިނަލްސްގައި ވާދަކުރަމުން އައީ 24 ޓީމެވެ. ނަމަވެސް އަލަށް ގެނައި މި ބަދަލާއެކު އިތުރު ހަތަރު ގައުމަކަށް މުބާރާތުން ފުރުސަތު ލިބިގެންދާނެއެވެ. ޓީމުތައް އިތުރުކުރާނެ ގޮތުގެ އިތުރު ތަފްސީލެއް ކެފް އިން އަދި ހާމަކޮށްފައެއް ނުވެއެވެ.
Ads by BMLމޮޓްސެޕޭ އިތުރަށް ކަށަވަރުކޮށްދެއްވި ގޮތުގައި، 2027 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތް ކުރިންވެސް ރޭވިފައިވާ ގޮތަށް ކެންޔާ، ޓެންޒޭނިއާ އަދި ޔޫގަންޑާގައި ކުރިއަށްދާނެއެވެ. އަދި އޭގެ ފަހުން 2028 ވަނަ އަހަރުވެސް މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
މި ބަދަލުތަކާއެކު، 2028 ގެ މުބާރާތަށްފަހު އެފްކޮން ދެން ބާއްވަމުންދާނީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރުއެވެ. މިއީ މުބާރާތުގެ ކަލަންޑަރަށް ގެނެވޭ ބޮޑު ބަދަލެކެވެ.
މީގެ އިތުރުން، 2029 ވަނަ އަހަރުން ފެށިގެން ކެފް އިން އާ މުބާރާތެއް ކަމަށްވާ "ނޭޝަންސް ލީގު" އިފްތިތާހު ކުރުމަށް ވަނީ ނިންމާފައެވެ. ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވާ މި މުބާރާތުގައި ޖުމްލަ 16 ޓީމު ވާދަކުރާނެ ކަމަށް ކެފް އިން މައުލޫމާތު ދެއެވެ.
Ads by MACL
