ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރައީސުލްޖުމްހޫރިއްޔާއަށް މެލޭޝިއާއިން ހޫނު މަރުޙަބާއެއް

ރައީސުލްޖުމްހޫރިއްޔާއަށް މެލޭޝިއާއިން ހޫނު މަރުޙަބާއެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް، މެލޭޝިއާ ސަރުކާރުން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ރަސްމީގޮތުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުން ކުރިއަށްދިޔައީ މެލޭޝިއާގެ ބޮޑުވަޒީރުގެ ރަސްމީ އޮފީސް ޕެރޑާނާ ޕުޓްރާގައެވެ.

ރައީސުލްޖުމްހޫރިއްޔާ ބޮޑުވަޒީރުގެ އޮފީހަށް ވަޑައިގަތުމުން މަރުޙަބާ ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމެވެ. އެއަށްފަހު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޝަރަފްގައި ގާޑު އޮފް އޮނަރއެއް އަރުވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ބޮޑުވަޒީރު އަންވަރު އިބްރާހީމް ޑައިސަށް އަރާވަޑައިގަތުމުން ވަނީ ދެޤައުމުގެ ސަލާމް ކުޅުނެވެ. އެއަށްފަހު ވަނީ ދެޤައުމުގެ ވަފްދުގެ ބޭފުޅުން ތަޢާރަފްކޮށްއަރުވާފައެވެ.
މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، މެލޭޝިއާގެ ބޮޑު ވަޒީރު ވަނީ ޚާއްޞަ ފޮޓޯފުޅެއް ނަންގަވާފައެވެ. އޭގެފަހުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޢިއްޒަތްތެރީން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ މައިގަނޑު އަމާޒަކީ، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކުރެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާ މެލޭޝިއާގެ ބޮޑުވަޒީރާ ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމުގައި، އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކާމެދު ޚިޔާލުބަދަލުކުރައްވައި، ދެ ޤައުމުގެ ބައިވެރިވުން އިތުރުކުރެއްވޭނެ އިތުރު މަގުތައް ހޯއްދެވުމާމެދު މަޝްވަރާކުރައްވާނެއެވެ.