އިޒްރޭލުގެ ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް އީރާނުން މިސައިލް ހަމަލާއެއްދީފި، މުޅި ސަރަހައްދު ރޯވެ އަނދަނީ
އިސްރާއީލުގެ އުތުރުގައި އޮންނަ ހައިފާ ސިޓީގައި ހުންނަ ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް އީރާނާއި ލުބުނާނުން ފޮނުވާލި މިސައިލް ހަމަލާތަކެއް އަމާޒުވެ، އެތަނުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މިއީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ފަސް ހަފުތާ ވެފައިވާއިރު، ބާޒާން އޮއިލް ރިފައިނަރީއަށް ދިން ދެވަނަ ހަމަލާއެވެ.
އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހު ދިން މި ހަމަލާއާ ގުޅިގެން އެ ސަރަހައްދުން ބޯ ކަޅު ދުން އަރަމުންދާ މަންޒަރު ވަނީ ފެނިފައެވެ. ނަމަވެސް މި އަލިފާނަކީ ސީދާ މިސައިލް އެތަނަށް އެރުމުގެ ސަބަބުން ނުވަތަ މިސައިލް ވައްޓާލުމުން އޭގެ ބައިތައް އެތަނަށް ވެއްޓުމުގެ ސަބަބުން ރޯވި އަލިފާނެއް ކަމެއް އަދި ސާފެއް ނުވެއެވެ. އަދި މި މިސައިލަކީ އީރާނުން ނުވަތަ ލުބުނާނުން ފޮނުވާލި އެއްޗެއް ކަމެއްވެސް ކަށަވަރެއް ނުވެއެވެ.
އަލިފާން ނިއްވާ ފައުޖުގެ ކޮމާންޑަރު އީޓަން ރިފާ ވިދާޅުވީ، "މި ހާދިސާ މިހާރު ވަނީ އެއްކޮށް ކޮންޓްރޯލް ކުރެވިފައި. އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ، އަދި ނުރައްކާތެރި މާއްދާއެއް ބޭރުވުމުގެ ބިރެއް ނެތް،" ކަމަށެވެ. އެ ކާރުޚާނާ ހިންގާ ބާޒާން ގްރޫޕުން ބުނި ގޮތުގައި މިސައިލް ހަމަލާ އަމާޒުވީ ތެޔޮ ރައްކާކުރާ ޓޭންކެއްގެ ފުރާޅަށެވެ.
Ads by BMLމި ހަމަލާއާ ގުޅިގެން ހިޒްބުالله އިން ބުނެފައިވަނީ ހައިފާގައި ހުންނަ އިސްރާއީލުގެ ކަނޑުގެ ސިފައިންގެ މަރުކަޒަކަށް ވެސް އެންމެ ޒަމާނީ މިސައިލްތަކުން ހަމަލާދީފައިވާ ކަމަށެވެ. މީގެ އިތުރުން ލުބުނާނުގެ ދެކުނުގައި އިސްރާއީލު ސިފައިންނާއި ހިޒްބުالله އާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ދަނީ ހިނގަމުންނެވެ.
އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވަނީ ފެބްރުއަރީ 28 ގައި އީރާނުގެ ރޫހީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެންނެވެ. އިސްރާއީލުގެ މި އުދުވާނުގެ ސަބަބުން ލުބުނާނުގެ 1.2 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައެވެ. ހޯމަ ދުވަހުވެސް އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދިން ހަމަލާތަކުގައި ލުބުނާނުގެ ސިފައިންގެ މީހަކު މަރުވެ، އިތުރު ބަޔަކަށް ވަނީ އަނިޔާވެފައެވެ.
ސެކިއުރިޓީ އެނަލިސްޓް އަލީ ރިޒްކް އިންޒާރު ދެއްވާފައިވާ ގޮތުގައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ލުބުނާނުގެ އެއްގަމު މަގުން ހިންގާ އޮޕަރޭޝަން ފުޅާކުރާނެ ކަމަށް ވައުދުވެފައިވާތީ، ކުރިއަށް އޮތް ތަނުގައި ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ބެލެވެއެވެ.
Ads by MACL
