ގުދުސްގެ މައްޗަށް އިޒްރޭލުގެ އެއްވެސް ސިޔާދަތީ ބާރެއް ނެތް ކަމަށް ބުނެ އަލްއަގްސާ ވަގުތުން ހުޅުވާލުމަށް ގޮވާލައިފި
ގުދުސްގެ މައްޗަށް އިޒްރޭލުގެ އެއްވެސް ސިޔާދަތީ ބާރެއް ނެތް ކަމަށް ބުނެ، މަސްޖިދުލް އަގްސާ ވަގުތުން ހުޅުވާލުމަށް ސައުދީ އަރަބިއްޔާ، ގަތަރު، އުރުދުން، އިންޑޮނޭޝިއާ، ޕާކިސްތާން، ތުރުކީ، މިސްރު އަދި ޔޫއޭއީ ގުޅިގެން ނެރުނު ބަޔާނެއްގައި ގޮވާލައިފި އެވެ.
މި ގައުމުތަކުން ވަނީ ގުދުސްގައި މުސްލިމުންނާއި ކްރިސްޓިއަނުން އަޅުކަން ކުރުމަށް އޮތް މިނިވަންކަމަށް އިޒްރޭލުން ހުރަސްއަޅަމުންދާ ދިއުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
މި ބަޔާނުގައި ބުނެފައިވަނީ މަސްޖިދުލް އަގްސާއަށް އަޅުކަންކުރާ މީހުން ވަނުން ހުއްޓުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި ވިދިވިދިގެން 30 ދުވަސް ވަންދެން އަލްއަގްސާ މިސްކިތް ބަންދުކޮށްފައި ބެހެއްޓި ބެހެއްޓުން މި ގައުމުތަކުން ވަނީ ކުށްވެރިކޮށްފަ އެވެ.
"ގުދުސްގެ މުގައްދަސް ބިނާތަކުގެ ތާރީޚީ އަދި ގާނޫނީ ހައިސިއްޔަތު ބަދަލުކުރުމަށް ކުރާ އެއްވެސް މަސައްކަތެއް ބަލައެއް ނުގަނެވޭނެ،" ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން އިޒްރޭލުން ހިންގަމުންދާ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް ކަމަށާއި، މިއީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށްވެސް އިންޒާރު ދީފައިވެއެވެ.
އިސްލާމީ ގައުމުތަކުން ތަކުރާރުކޮށް ބުނެފައިވަނީ މަސްޖިދުލް އަގްސާއަކީ މުޅިންވެސް މުސްލިމުންގެ އަޅުކަމަށް ޚާއްސަ ތަނެއް ކަމަށެވެ. އަދި އެ ތަނުގެ ކަންކަން ބެލެހެއްޓުމުގެ ފުރިހަމަ ބާރު އޮތީ އުރުދުންގެ ޖެރޫސަލަމް ވަގުފް އިދާރާއަށް ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ބަޔާން ނިންމާލަމުން، އަލްއަގްސާ މިސްކިތް ވަގުތުން ހުޅުވާލުމަށާއި، ގުދުސްގެ ބޭނުން ސަރަހައްދަށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށް ވަނީ ގޮވާލާފައެވެ. އަދި އިޒްރޭލުން ހިންގާ މިފަދަ އުދުވާނުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްވެސް މި ގައުމުތަކުން ވަނީ ބާރުއަޅާފައެވެ.
Ads by MACL
