އެމެރިކާއިން އީރާނަށް ނިއުކްލިއާ ހަމަލާއެއް ދޭން ތައްޔާރުވަނީ!
އެމެރިކާއިން އީރާނުގެ ވެރިރަށް ތެހެރާނަށް ނިއުކްލިއާ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުންދާ ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ތަރުޖަމާނު އިބްރާހިމް ޒުލްފަގާރީ ވިދާޅުވެއްޖެ އެވެ.
ތަރުޖަމާނު ޒުލްފަގާރީ ވިދާޅުވި ގޮތުގައި، އެމެރިކާއިން މިފަދަ ނުރައްކާތެރި ހަމަލާއަކަށް ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒުލްފަގާރީ ވިދާޅުވީ، އީރާނުގެ އަސްކަރިއްޔާ ދުނިޔޭގައި އޮތްހާ ހިނދަކު އިންސާނިއްޔަތަށާއި އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ހަނގުރާމަ ކުރާނެ ކަމަށެވެ.
Ads by BMLއޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި އީރާނުން ކުރަމުންދާ މި ހަނގުރާމައަކީ ހަމައެކަނި އީރާނަށް ނުވަތަ އިސްލާމްދީނަށްޓަކައި ކުރާ ހަނގުރާމައެއް ނޫނެވެ. އޭގެ ބަދަލުގައި މިއީ މުޅި އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބަޔާނާ ގުޅިގެން އެމެރިކާގެ ފަރާތުން އަދި އެއްވެސް ރަސްމީ ޖަވާބެއް ލިބިފައެއް ނުވެ އެވެ. މިއީ ސަރަހައްދީ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި ދެވުނު ވަރުގަދަ އިންޒާރެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
Ads by MACL
