ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރާއްޖެއާއި މެލޭޝިއާއާއި ދެމެދު މުހިންމު ދާއިރާއަކުން އެއްބާރުލުންދިނުމަށް އެއްބަސްވުންތަކެއް

މެލޭޝިޔާ އާއި ދިވެހިރާއްޖެއާއި ދެމެދު އެއްބަސްވުންތަކުގައި ސޮއި ކުރުން
މެލޭޝިޔާ އާއި ދިވެހިރާއްޖެއާއި ދެމެދު އެއްބަސްވުންތަކުގައި ސޮއި ކުރުން

ރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމަށް ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ.

މި ބަޔާނުގައި ދެބޭފުޅުންވެސް ވަނީ އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރެއްވުމާއި، ދެ ޤައުމުގެ ބައިވެރިވުން އިތުރުކުރެއްވޭނޭ އިތުރު މަގުތައް ހޯއްދެވުމަށް މަސައްކަތްކުރައްވާނެކަން ހާމަކުރެއްވިއެވެ.

މި ބަޔާނުގައި ދެބޭފުޅުން ވަނީ ފަލަސްތީނުގެ މައްސަލާގައިވެސް ދެޤައުމުގެ ޚިޔާލު އެއްގޮތްކަން ފާހަގަކުރައްވައި އެކުގައި މަސައްކަތްކުރައްވާނެކަން ހާމަކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ދަޢުވަތު ދެއްވާފައެވެ.މުަ

އޭގެފަހުން ދެ ލީޑަރުންވަނީ ޖޮއިންޓް ސްޓޭޓްމަންޓު ބަދަލުކުރައްވާފައެވެ.

ރާއްޖެ-މެލޭޝިއާ ދެމެދު އެއްބަސްވުންތަކުގައ ސޮއިކުރެވުނު ދާއިރާތައް


1- ކުޅިވަރުގެ ދާއިރާއިން ދެޤައުމު ގުޅިގެން މަސައްކަތްކުރުމާއި އެއްބާރުލުންދިނުން.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ ހަނާން ޔިއޯހްއެވެ


2- ޞިއްޙީ ދާއިރާއިން އެއްބާރުލުންދިނުން.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑރ. ޒުލްކެފްލީ އަޙްމަދުއެވެ.

3- ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުންދިނުން.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާއެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ ޚައިރުލް ފިރުދައުސްއެވެ.

4- ޚާރިޖީ ދާއިރާއިން މީހުން ބިނާކުރުން (ޑިޕްލޮމޭޓުން ތަމްރީންކުރުން)
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާއެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް މުޙައްމަދު އަލާމިންއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކުގައި ދައުލަތުގެ ބައެއް ވަޒީރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެއްބަސްވުންތައް ބަދަލުކުރުމުގެ ރަސްމިއްޔާތުގައިވެސް ދެޤައުމުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.