ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފެންނަ ނުފެންނަ ވޯޓު ހުއްޓުވޭނެ ގާނޫނީ އަސާސެއް ނެތްކަމަށް ސްޕްރީމް ކޯޓުން ހުކުމްކޮށްފި

ފެންނަ ނުފެންނަ ވޯޓު ހުއްޓުވޭނެ ގާނޫނީ އަސާސެއް ނެތްކަމަށް ސްޕްރީމް ކޯޓުން ހުކުމްކޮށްފި

މި އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން ހުއްޓުވާނެ އެއްވެސް ޤާނޫނީ އަސާސެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި ވޯޓަކީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ޤާނޫނު އަސާސީއަށް ގެނެސްފައިވާ 8 ވަނަ އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތެއް ބެލުމަށް ބާއްވާ ވޯޓެކެވެ.

މި މައްސަލައަކީ ގާނޫނީ ވަކީލް އައިކް އަހުމަދު އީސަ އާއި ގާނޫނީ ވަކީލް އިބްރާހިމް ޝިޔާމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ. އެ ފަރާތްތަކުން ކޯޓުގައި އެދިފައިވަނީ، ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންނާ ކުރުމަށް ކަނޑައަޅާފައިވާ ސުވާލަކީ ގާނޫނު އަސާސީއާ ހިލާފް ސުވާލެއް ކަމަށް ބުނެ އެ ވޯޓު ހުއްޓުވައިދިނުމަށެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި މި މައްސަލައިގެ ހުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވީ، ފެންނަ ނުފެންނަ ވޯޓެއް ނަގާއިރު ސުވާލު ހިމަނަންޖެހޭ ވަކި ގޮތެއް ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. އެހެންކަމުން، މިހާރު ކަނޑައަޅާފައިވާ ސުވާލަކީ ގާނޫނު އަސާސީއާ ޚިލާފު ސުވާލެއް ކަމަށް ބެލެވެން ނެތް ކަމަށް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބުނެފައިވަނީ، ވޯޓު ހުއްޓުވަންޖެހޭ އެއްވެސް ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ. މިއާއެކު، ކުރިއަށް އޮތް ހޮނިހިރު ދުވަހު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ކުރިއަށް ގެންދިއުމަށް މިހާރު ވަނީ މަގުފަހިވެފައެވެ.