މަގާމާ ހަވާލުވާތާ 6 މަސް ތެރޭގައި ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކޮށްދޭނަން: މުޝްރިފް
އައްޑޫ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުޝްރިފް އަލީ، އައްޑޫގެ ބޯހިޔާވަހިކަމުގެ ދާއިރާގައި ހުރި ބޮޑެތި ކަންބޮޑުވުންތަކަށް ނިމުމެއް ގެނެސްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފި އެވެ. މުޝްރިފް ވިދާޅުވި ގޮތުގައި، މޭޔަރުކަމަށް ހޮވިވަޑައިގެންފި ނަމަ، މަގާމާ ހަވާލުވެވަޑައިގަންނަވާ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި މި މައްސަލަތައް ހައްލުކޮށްދެއްވާނެ އެވެ.
އައްޑޫ ސިޓީގެ ހިތަދޫ އާއި ފޭދޫގައި ހުރި ބޯހިޔާވަހިކަމުގެ ސީރިއަސް މައްސަލަތަކަށް އަލިއަޅުވާލައްވަމުން މުޝްރިފް ވިދާޅުވީ، ފޭދޫއިން ދޫކޮށްފައިވާ ބައެއް ބިންތަކަކީ ކަރަންޓުގެ މައި ކޭބަލްތަކުގެ މަތިން ދޫކޮށްފައިވާ ނުރައްކާތެރި ބިންތަކެއް ކަމަށެވެ. އަދި އަހަރެއް ވެގެންދިޔައިރުވެސް އެކަމަށް އެކަށީގެންވާ ހައްލެއް ލިބިފައިނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކުރީގެ ގަބުރުސްތާނުތައް ހުރި ސަރަހައްދުތަކުން ބައެއް އާއިލާތަކަށް ގޯތި ދޫކޮށްފައިވާ މައްސަލައަށްވެސް މުޝްރިފް ވަނީ އިޝާރާތް ކުރައްވާފައެވެ. އޭނާ ވިދާޅުވީ އެ ގޯތިތައް ބަދަލުކޮށްދިނުމަށް އެދި އާއިލާތަކުން އާދޭސްކުރާތާ ގިނަ ދުވަސްތަކެއް ވެފައިވީ ނަމަވެސް، މިހާތަނަށް ކައުންސިލުން އެކަމަށް އެއްވެސް އިޖާބައެއް ދީފައިނުވާ ކަމުގެ ޝަކުވާ ރައްޔިތުން ކުރަމުންދާ ކަމަށެވެ.
Ads by BMLމުޝްރިފް ފާހަގަކުރެއްވި ގޮތުގައި، އައްޑޫގެ ގިނަ ރައްޔިތުންނަށް ގޯތި ލިބުނުކަމުގެ ލިޔުން ދީފައިވީ ނަމަވެސް، އޭގެ ތެރެއިން ގިނަ ބަޔަކަށް އަދިވެސް ބިން ހަވާލުކޮށް އިން ވަކިކޮށްދެވިފައެއް ނުވެއެވެ. މީގެ ތެރޭގައި މީގެ އެތައް އަހަރެއް ކުރިން ދޫކޮށްފައިވާ ބިންތައް ވެސް ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ބިންތަކުގެ އިން ވަކިކޮށްދިނުމުގައި ވަކި ބަޔަކަށް އިސްކަންދޭ ކަމަށާއި، ގާތްގުޅުން އޮންނަ ނުވަތަ ސިޔާސީ މަންފާ ލިބޭ މީހުންނަށް ނޫނީ އެކަން ކޮށްނުދޭ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް މުޝްރިފް ވިދާޅުވިއެވެ.
މުޝްރިފްގެ މޭޔަރުކަމެއްގައި ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރާނީ ދެފުށް ފެންނަ އިންސާފުވެރި ނިޒާމެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ. "އައްޑޫގެ ރައްޔިތުންނަށް ހަމަހަމަކަމާއެކު ހިޔާވަހިކަން ކަށަވަރުކޮށްދިނުމަށްޓަކައި ތަފާތު މަޝްރޫއުތައް ފައްޓަވާނެ ކަމުގެ ޔަގީންކަން ދެން،" މުޝްރިފް ވިދާޅުވިއެވެ.
Ads by MACL
