ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޔޫއޭއީގައި ހުރި އެމެރިކާގެ ސިއްރު ކޮމާންޑް ސެންޓަރަކަށް އީރާނުން ހަމަލާދީ ގޮއްވާލައިފި

ޔޫއޭއީގައި ހުރި އެމެރިކާގެ ސިއްރު ކޮމާންޑް ސެންޓަރަކަށް އީރާނުން ހަމަލާދީ ގޮއްވާލައިފި

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަލް މިންހާދު ބޭސްގެ ބޭރުގައި ގާއިމުކޮށްފައިވާ އެމެރިކާ ސިފައިންގެ ސިއްރު ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރަކަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ނޭވީން ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފިއެވެ.

އީރާނުގެ އިންޓެލިޖެންސް މައުލޫމާތުތަކަށް ބިނާކޮށް ދިން މި ހަމަލާގައި ބޭނުންކޮށްފައިވަނީ އަމާޒަށް ވާސިލުވުމުގެ ގާބިލުކަން ލިބިފައިވާ ޕްރެސިޝަން މިސައިލްތަކެއް ކަމަށް އައިއާރުޖީސީން މައުލޫމާތު ދެއެވެ. މި ހަމަލާގައި އެމެރިކާގެ އެ ސިއްރު މަރުކަޒު އެއްކޮށް ސުންނާފަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އައިއާރުޖީސީން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާ ދިން ވަގުތު އެ ސެންޓަރުގައި އެމެރިކާގެ ގާތްގަނޑަކަށް 200 އެއްހާ އޮފިސަރުންނާއި ކޮމާންޑަރުން ތިއްބެވި ކަމަށް ބެލެވެއެވެ. ނަމަވެސް މި ހަމަލާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އެމެރިކާގެ އަސްކަރިއްޔާއިން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން ސަރަހައްދީ މަސްރަހު އިތުރަށް ނުތަނަވަސްވެފައިވާއިރު، މިއީ އީރާނުގެ އިންޓެލިޖެންސްގެ ވަރުގަދަކަން ދައްކުވައިދޭ ހަމަލާއެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މި ހަމަލާއާ ގުޅިގެން ޔޫއޭއީ އާއި އެމެރިކާއިން އަޅާނެ ފިޔަވަޅަކަށް މިހާރު ދުނިޔޭގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.