ތެރަޕީގެ ފަރުވާތަކަށް ތަމްރީންކުރަން ސްކޮލަރޝިޕްތަކެއް، 250 ދިވެހިން ތަމްރީންކުރާނެ
ތެރަޕިއުޓިކް އަދި ރިހެބިލިޓޭޝަން ފަރުވާގެ ދާއިރާއިން 250 ދިވެހިން ތަމްރީންކުރުމަށް ސަރުކާރުން ދޭ ޚާއްސަ ސްކޮލަރޝިޕް ފުރުޞަތުތަކަށް މިއަދު ހުޅުވާލައިފިއެވެ. މި ފުރުޞަތުތަކަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުޅުވާލާފައިވާ ފުރުޞަތުތަކެކެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ސްކޮލަރޝިޕްތަކުގެ ތެރޭގައި ރާއްޖޭގައި ބެޗެލަރސް ޑިގްރީއަށް ކިޔެވުމަށް 120 ފުރުޞަތާއި، މާސްޓަރސް ޑިގްރީއަށް 20 ފުރުޞަތު ހިމެނެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން ޑިގްރީއަށް ކިޔެވުމަށް 30 ފުރުޞަތު އަދި މާސްޓަރސް ޑިގްރީއަށް 80 ފުރުޞަތު ވަނީ ކަނޑައަޅާފައެވެ.
މި ސްކީމްގެ ދަށުން އެންމެ ގިނަ ފުރުޞަތު ހުޅުވާލާފައިވަނީ ސްޕީޗް ތެރަޕީގެ ދާއިރާއިންނެވެ. އެ ދާއިރާއިން ޖުމްލަ 90 ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެހެނިހެން ދާއިރާތަކުގެ ތެރޭގައި ސައިކޮލޮޖީ، ކައުންސިލިން، ބިހޭވިއަރ ތެރަޕީ، އަދި އޮކިއުޕޭޝަނަލް ތެރަޕީ ހިމެނެއެވެ.
Ads by BMLރާއްޖޭގައި ތިބެގެން ކިޔެވުމަށް ހުޅުވާލާފައިވާ ބެޗެލަރސް ޑިގްރީގެ ދާއިރާތަކުގެ ތެރޭގައި ސައިކޮލޮޖީ، ކައުންސިލިން، އޮކިއުޕޭޝަނަލް ތެރަޕީ އަދި ސްޕީޗް ތެރަޕީ ހިމެނޭއިރު، ކޮންމެ ދާއިރާއަކުން 30 ފުރުޞަތު ވަނީ ހަމަޖައްސާފައެވެ. ރާއްޖެއިން ބޭރުން މާސްޓަރސް ހެދުމަށް އޮކިއުޕޭޝަނަލް ތެރަޕީން 30، ސްޕީޗް ތެރަޕީން 30، އަދި ބިހޭވިއަރ އެނަލިސިސް ދާއިރާއިން 20 ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ކޮންމެ ސަރަޙައްދަކުންވެސް ތެރަޕީގެ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކުރުމެވެ. މިވަގުތު ރާއްޖޭގެ ގިނަ ހޮސްޕިޓަލްތަކުގައި މި ޚިދުމަތް ދެމުންދަނީ ބޭރުގެ ތެރަޕިސްޓުން ކަމަށްވާތީ، ދިވެހިން މި ދާއިރާއަށް ތަމްރީންކޮށް ޕޭޝަންޓުންނާ ގާތުން ޚިދުމަތް ދެވޭނެ ނިޒާމެއް ގާއިމުކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި 70،000 އަށްވުރެ ގިނަ މީހުން ނަފްސާނީ ބަލިތަކުގެ ފަރުވާ ހޯދާފައިވެއެވެ. އަދި އެންސްޕާ މެދުވެރިކޮށް 220 އަށްވުރެ ގިނަ ކުދިން ގަވައިދުން ތެރަޕީގެ އެހީތެރިކަން ހޯދަމުންދާއިރު، ޚިދުމަތް ނުލިބި ތިބި ގިނަ ބަޔަކު ތިބިކަން ސަރުކާރުން ފާހަގަކުރެއެވެ.
މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އޭޕްރިލް މަހުގެ 20 ވާ ހޮނިހިރު ދުވަހުގެ 13:30 އެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލާއި ޝަރުތުތައް މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
Ads by MACL
