ދަގަނޑޭ ހޯދައިދިން ޕެނަލްޓީން ރާއްޖެ ފަހަތުން އަރައި މޮޅުވެއްޖެ
މެޗުގެ ފަހުކޮޅު ކުޅެން އެރި އަލީ އަޝްފާގް (ދަގަނޑޭ) ހޯދައިދިން ޕެނަލްޓީއަކާ އެކު، ފަހަތުން އަރައި 2-1 އިން ޓިމޯ ލެސްޓޭ ބަލިކޮށް ރާއްޖޭން މޮޅަކާ އެކު އޭޝިއަން ކަޕް ކޮލިފައިން މިއަދު ހަވީރު ނިންމާލައިފި އެވެ. މިއީ ތިން އަހަރަށް ފަހު ގައުމީ ޓީމުން ފުރުސަތު ލިބުނު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ދަގަނޑޭ ގައުމީ ޖާޒީގައި ކުޅުނު 99 ވަނަ މެޗެވެ.
ގައުމީ ޓީމަށް މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކޯޗުކޮށްދިން ހަންގޭރީގެ އިސްތަވާން އުރުބާނީ އަލުން ހަވާލުވެ ކުޅުނު ފުރަތަމަ މެޗުގެ 67 ވަނަ މިނެޓުގައި އީސްޓް ޓިމޯ އިން ވަނީ ލަނޑެއް ޖަހައި ކުރި ހޯދާފަ އެވެ. އެ ޓީމުގެ ކެޕްޓަން ޕައުލޯ ފްރެއިޓަސް ނަގައިދިން ބޯޅައަކުން، މި ގޯލް ކާމިޔާބުކޮށްދިނީ އެލެކްސެންޑްރޯ ލެމޯސް އެވެ.
ރާއްޖޭން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 10 މިނެޓަށް ދަގަނޑޭ އާއި އަލީ ފާސިރު (ސެންޓޭ) ކުޅެން އަރައެވެ. އެގޮތުން ރާއްޖެ އަށް 89 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކޮށްދިނީ ނިއު ރޭޑިއަންޓުގެ މިޑްފީލްޑަރު އަހުމަދު އިރުފާން (އިރޭ) އެވެ.
Ads by BMLރާއްޖެ މޮޅުވި ލަނޑު ޕެނަލްޓީން ޖަހައިދިނީ އިތުރު ވަގުތުގެ ތެރޭގައި ސެންޓޭ އެވެ. މިއީ ދަގަނޑޭ އަށް އީސްޓް ޓިމޯގެ ގޯލްކީޕަރު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ސެންޓޭ ފޮނުވާލިއިރު، ދަގަނޑޭ ހުރީ އެ ފައުލާ ގުޅިގެން ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށް ދަނޑުން ބޭރުގަ އެވެ.
ގިނަ ދުވަސްތަކަކަށް ފަހު ގައުމީ ޖާޒީގައި ކުޅެން ލިބުނު އެންމެ 10 މިނެޓަ ވެސް ވެގެން ދިޔައީ ވަރަށް ޚާއްސަ ވަގުތުކޮޅަކަށެވެ. ރާއްޖޭގެ ޓީމު ބަލިވާން ދަނިކޮށް އަލީ އަޝްފާޤް އަރައި މުޅި ގޭމްގަނޑު އަނބުރާލައި ޓީމު ކާމިޔާބާއި ހަމައަށް ވާސިލްކޮށްދިން ކަމީ އަދި ވެސް ގައުމީ ޓީމަށް އަޝްފާޤްގެ މުހިންމުކަން ދައްކުވައިދިން ކަމެއް ކަމަށް ގިނަ ދިވެހިން އަންނަނީ ބުންމުންނެވެ.
Ads by MACL
