ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އީރާން ވޯލްޑް ކަޕްގައި ކުޅޭނެ؛ މެޗުތައް އޮންނާނީ އެމެރިކާގަ: ފީފާ

އީރާން ވޯލްޑް ކަޕްގައި ކުޅޭނެ؛ މެޗުތައް އޮންނާނީ އެމެރިކާގަ: ފީފާ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސުވާލުތަކެއް އުފެދިފައިވީ ނަމަވެސް، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕްގައި އީރާން ބައިވެރިވާނެ ކަމަށާއި އެ ގައުމުގެ މެޗުތައް ތާވަލާ އެއްގޮތަށް އެމެރިކާގައި ކުރިއަށްދާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.

ތުރުކީގައި އީރާނާއި ކޮސްޓަރީކާ ބައްދަލުކުރި އެކުވެރިކަމުގެ މެޗުގެ ހާފް ޓައިމްގައި އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި އިންފަންޓީނޯ ވިދާޅުވީ "އީރާން ވޯލްޑް ކަޕްގައި އޮންނާނެ" ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އީރާނަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި، ޓީމުގެ ކުޅުންތެރިންނާއި ކޯޗާ ވާހަކަދެއްކުމުން ހުރިހާ ކަމެއްވެސް ރަނގަޅުކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވާ މި މުބާރާތް ޖޫން 11 ގައި ފަށާއިރު، ގްރޫޕް ޖީގައި ހިމެނޭ އީރާންގެ ފުރަތަމަ މެޗު ނިއުޒީލެންޑާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން 15 ގައި ލޮސް އެންޖެލެސްގަ އެވެ. މީގެ އިތުރުން ބެލްޖިއަމްއާ ދެކޮޅަށް ލޮސް އެންޖެލެސްގައި އަދި މިސްރާ ދެކޮޅަށް ސިއެޓްލްގައި ކުޅޭ މެޗުތައްވެސް ކުރިއަށްދާނީ ކުރިން ކަނޑައެޅިފައިވާ ތަންތަނުގައި ކަމަށް އިންފަންޓީނޯ ޔަގީންކޮށްދެއްވި އެވެ.

މިދިޔަ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭ އިސްވެ، އީރާނާއި ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން އީރާނުގެ މެޗުތައް އެމެރިކާގެ ބަދަލުގައި މެކްސިކޯއަށް ބަދަލުކުރުމަށް އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން މީގެ ކުރިން ވަނީ ފީފާއާއެކު މަޝްވަރާކޮށްފަ އެވެ. އަދި މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމް ވެސް ވަނީ ބޭނުންވެއްޖެ ހާލަތެއްގައި އެ ގައުމުގައި މެޗުތައް ބޭއްވުމަށް ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި އީރާން ޓީމު މުބާރާތަށް ދަތުރުނުކުރުމަށް ބާރުއަޅުއްވާ ވާހަކަދައްކަވާފައެވެ. ނަމަވެސް އީރާނުން ވަނީ އެއްވެސް ފަރާތަކަށް އީރާން ޓީމު މުބާރާތުން ބޭރު ނުކުރެވޭނެ ކަމަށް ބުނެ ރައްދު ދީފައެވެ. މިކަމާ ގުޅިގެން އިންފަންޓީނޯ ވިދާޅުވީ ފީފާއަށް ޖިއޯޕޮލިޓިކަލް މައްސަލަތައް ހައްލު ނުކުރެވުނު ނަމަވެސް، ފުޓްބޯޅައިގެ ޒަރީއާއިން ސުލްހަ ގާއިމުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ނައިޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި އީރާންގެ ކުޅުންތެރިން ވަނީ ކަޅު ކުލައިގެ އަތުބޭންޑް އަޅައި، ސްކޫލް ދަބަސްތަކާއެކު ފޮޓޯ ނަގާފައެވެ. މިއީ ހަނގުރާމައިގެ ފުރަތަމަ ދުވަހު އީރާނުގެ މިނާބް ސިޓީގެ ޕްރައިމަރީ ސްކޫލަކަށް ދެވުނު ހަމަލާގައި ޝަހީދު ވި 170 އަށްވުރެ ގިނަ ދަރިވަރުންނާއި މުދައްރިސުންގެ ހަނދާނުގައި ކުރި ކަމެކެވެ.