ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތޯތޯއެއް ނުކުރެވޭނެ؛ އީރާނުން އެއޮތީ ނިއުކްލިއާ ހަތިޔާރު ނުއުފައްދަން އެއްބަސްވެފަ: ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް. ފޮޓޯ: ނިއުސްވީކް
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް. ފޮޓޯ: ނިއުސްވީކް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުން ދުވަހަކު ވެސް ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށް އެއްބަސްވެފައިވާ ކަމަށް ވިދާޅުވެ، އެކަން ކަށަވަރުކޮށްދެއްވައިފި އެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މިއީ މީގެ ކުރިން އެއްވެސް ފަރާތަކަށް އީރާނު ލައްވާ އެއްބަސްކުރުވުނު ކަމެއް ނޫނެވެ.

 "އެމީހުން (އީރާނުން) ވަނީ ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ނުގެންގުޅުމަށް އެއްބަސްވެފައި. އެކަމަށް އެމީހުން ވަނީ އިގުރާރުވެފައި،" ޓްރަމްޕް ވިދާޅުވީ، ކަމަށެވެ.

މިއީ ބައިނަލްއަގުވާމީ މަސްރަހުގައި އީރާނުގެ ނިއުކްލިއާ މައްސަލައަށް ބޮޑު ބަދަލެއް އަތުވެދާނެ ފަދަ ވާހަކަފުޅެކެވެ.

ޓްރަމްޕް މި މައުލޫމާތު ހާމަކުރައްވާފައިވަނީ އީރާނުން އެމެރިކާގެ ޝަރުތުތަކަށް ބޯލަނބާފައިވާ ކަމަށް ދޭހަވާ މޭރުމަކުންނެވެ. ނަމަވެސް، މި އެއްބަސްވުމުގެ އިތުރު ތަފްސީލެއް ނުވަތަ މިއީ ކޮން އިރަކު، ކޮން ގޮތަކަށް ވެވުނު އެއްބަސްވުމެއް ކަމެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

މި ޚަބަރާއެކު ސޯޝަލް މީޑިއާގައި، ޚާއްސަކޮށް އެކްސްގައި ޓްރަމްޕަށް ތާއީދުކުރާ ފަރާތްތަކުން ދަނީ މިކަމަކީ ޓްރަމްޕްގެ ޚާރިޖީ ސިޔާސަތަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

ޓްރަމްޕްގެ މި ވާހަތަކާއި ގުޅިގެން އީރާނުން އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.