ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕެނަލްޓީގައި ބޮސްނިއާ އަތުން ބަލިވެ އިޓަލީއަށް ވޯލްޑް ކަޕްގެ ފުރުސަތު އަނެއްކާވެސް ގެއްލިއްޖެ

ޕެނަލްޓީގައި ބޮސްނިއާ އަތުން ބަލިވެ އިޓަލީއަށް ވޯލްޑް ކަޕްގެ ފުރުސަތު އަނެއްކާވެސް ގެއްލިއްޖެ

ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އިޓަލީ، މި އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފްގައި ބޮސްނިއާ އެންޑް ހެރްޒެގޮވީނާ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވެ، ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕުން ފުރުސަތު ގެއްލިއްޖެ އެވެ.

ބޮސްނިއާގެ ޒެނިކާގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު 1-1 އިން ދެޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ބޮސްނިއާ ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ކުރީކޮޅު އިޓަލީގެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑު ބައި ކުޅުނީ 10 ކުޅުންތެރިންނާއެކުގަ އެވެ.

މެޗުގެ 15 ވަނަ މިނެޓުގައި މޮއިސް ކީން ކާމިޔާބުކޮށްދިން ލަނޑާއެކު އިޓަލީން ފުރަތަމަ ލީޑު ނެގިއެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އިޓަލީގެ އަލެސަންދްރޯ ބަސްޓޯނީ، ބޮސްނިއާގެ އަމާރް މެމިޗްއަށް ކުރި ފައުލަކާ ގުޅިގެން އޭނާއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފަ އެވެ. މީގެ ފައިދާ ނަގައި، ބޮސްނިއާގެ ހާރިސް ތަބަކޮވިޗް ވަނީ މެޗުގެ ފަހުކޮޅު ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފަ އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި އިޓަލީގެ ފުރަތަމަ ޕެނަލްޓީ އާއި ތިންވަނަ ޕެނަލްޓީ ނާކާމިޔާބުވިއިރު، ބޮސްނިއާގެ އެސްމިރް ބަޖްރަކްތަރެވިޗް ވަނީ އެ ޓީމަށް މޮޅުވި ޕެނަލްޓީ ކާމިޔާބުކޮށްދީފަ އެވެ.

މިއީ 2014 ވަނަ އަހަރަށްފަހު ބޮސްނިއާ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އެ ޓީމު ހިމެނިފައިވަނީ ކެނެޑާ، ސްވިޒަލޭންޑް އަދި ގަތަރާއެކު ގްރޫޕް ބީގަ އެވެ.

މީގެ އިތުރުން، ޗެކް ރިޕަބްލިކުން ވަނީ ޕެނަލްޓީ ޖަހައިގެން ޑެންމާކް ބަލިކޮށް 2006 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ހޯދާފަ އެވެ. ޕްރާގްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު 2-2 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި ޗެކް ރިޕަބްލިކް މޮޅުވީ މިކަލް ސަޑިލެކް ކާމިޔާބުކުރި ޕެނަލްޓީންނެވެ. ޗެކް ރިޕަބްލިކް ވާދަކުރާނީ މެކްސިކޯ، ދެކުނު އެފްރިކާ އަދި ދެކުނު ކޮރެއާއާއެކު ގްރޫޕް އޭގަ އެވެ.