ކޮސޯވޯ އާއި ޕޮލެންޑް ކަޓައި، ތުރުކީ އާއި ސްވިޑަން ވޯލްޑް ކަޕަށް!
ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޮފް ފައިނަލްގައި ކޮސޯވޯގެ މައްޗަށް 1-0 އިން ކުރިހޯދައި، 24 އަހަރުގެ ދިގު އިންތިޒާރަކަށްފަހު ތުރުކީން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ހޯދައިފި އެވެ. މިއީ 2002 ވަނަ އަހަރުގެ ފަހުން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ތުރުކީ ކޮލިފައިވި ފުރަތަމަ ފަހަރެވެ.
ކޮސޯވޯގެ ޕްރިސްޓީނާގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މި ފޯރިގަދަ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފޯވާޑް ކެރެމް އަކްތުރްކޮގްލޫ އެވެ. ދުނިޔޭގެ ރޭންކިންގެ 25 ވަނާގައި އޮތް ތުރުކީން މި ކާމިޔާބީ ހޯދާފައިވަނީ ކޯޗު ވިންޗެންޒޯ މޮންޓެލާގެ އިރުޝާދުގެ ދަށުން، ތަޖުރިބާކާރު ކުޅުންތެރިންނާއި އުއްމީދީ ޒުވާން ކުޅުންތެރިން ހިމެނޭ ވަރުގަދަ ސްކޮޑަކާއެކުގަ އެވެ.
ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުއްމީދުގައި އަމިއްލަ ދަނޑުގައި ކުޅުނު ކޮސޯވޯއަށް މި ނަތީޖާއާއެކު ވަނީ މާޔޫސްކަން ކުރިމަތިވެފަ އެވެ. ފީފާ އާއި ޔޫއެފާގެ މެންބަރަކަށްވިތާ 10 އަހަރުވެސް ނުވަނީސް، ރޭންކިންގެ 79 ވަނާގައި އޮތް ކޮސޯވޯއިން ދެއްކި ހިތްވަރުގަދަ ކުޅުމާއެކު އެ ގައުމުން ވަނީ ތާރީޚީ ކާމިޔާބީއަކާ ގާތަށް ދަތުރުކޮށްފަ އެވެ.
ސްވިޑަން އިން ޕޮލެންޑް ބަލިކޮށް ވޯލްޑް ކަޕަށް
ޕްލޭއޮފްގެ އަނެއް ފައިނަލްގައި ސްވިޑަން އިން ވަނީ 3-2 ގެ ނަތީޖާއަކުން ޕޮލެންޑް ބަލިކޮށް ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. މި މެޗުން ސްވިޑަން މޮޅުވީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ވިކްޓަރ ގިޔޮކެރޭސް ކާމިޔާބުކޮށްދިން ލަނޑުންނެވެ.
Ads by BMLމެޗުގެ ކުރީކޮޅު އެންތަނީ އެލަންގާ ޖަހައިދިން ލަނޑުން ސްވިޑަން ކުރިހޯދާފައި ވަނިކޮށް، ނިކޮލާ ޒަލެވްސްކީ ވަނީ ޕޮލެންޑަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ގުސްތާފް ލަގަރބިއެލްކޭ ޖެހި ލަނޑާއެކު ސްވިޑަން އިން އަލުން ލީޑު ނެގިއެވެ. ދެވަނަ ހާފު ފެށިގެން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކަރޯލް ސްވިޑާސްކީ ޕޮލެންޑަށް އަނެއްކާވެސް ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، ގިޔޮކެރޭސް ވަނީ މެޗުގެ ފަހުވަގުތު ލިބުނު ފުރުސަތެއްގައި ލަނޑު ޖަހައި ސްވިޑަންއަށް މޮޅުކޮށްދީފައެވެ.
މި ނަތީޖާއާއެކު 2018 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ސްވިޑަން ވޯލްޑް ކަޕަށް ކޮލިފައިވިއިރު، އެ ގައުމު ހިމެނޭނީ ނެދަލޭންޑްސް، ޖަޕާން އަދި ޓިއުނީޝިއާ އާއެކު ގްރޫޕް އެފްގަ އެވެ.
Ads by MACL
