ޖެމެއިކާ ބަލިކޮށް ޑީއާރު ކޮންގޯ ވެސް ވޯލްޑް ކަޕަށް
އިންޓަރކޮންޓިނެންޓަލް ޕްލޭއޮފް ފައިނަލްގައި ޖެމެއިކާގެ މައްޗަށް 1-0 އިން ކުރިހޯދައި، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ދަ ކޮންގޯ (ޑީއާރު ކޮންގޯ) އިން މި އަހަރުގެ ފީފާ ވޯލްޑް ކަޕުން ޖާގަ ހޯދައިފި އެވެ. މެކްސިކޯގެ އެސްޓާޑިއޯ ގުއަޑަލަޖާރާގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމު އޮތީ އެއްވަރުވެފަ އެވެ.
މެޗުގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގަ އެވެ. މި ލަނޑު ކޮންގޯއަށް ކާމިޔާބުކޮށްދިނީ މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ޑިފެންޑަރު އެކްސެލް ޓުއަންޒެބޭ އެވެ. މެޗުގެ 100 ވަނަ މިނެޓުގައި ކޯނަރަކުން ލިބުނު ބޯޅައެއް ޓުއަންޒެބޭ ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް، ލަނޑު ކަށަވަރުވީ ހޭންޑްބޯލްއެއް އުޅޭތޯ ވީއޭއާރުން ބެލުމަށްފަހު އެއް މިނެޓަށްވުރެ ގިނަ އިރު ފަހުންނެވެ.
މެޗަށްފަހު ވާހަކަދައްކަމުން މިހާރު އިނގިރޭސި ޕްރިމިއަރ ލީގުގެ ބާންލީއަށް ކުޅެމުން އަންނަ ޓުއަންޒެބޭ ބުނީ، އަމިއްލަ ގައުމަށް މޮޅުވި ލަނޑު ޖަހައިދިނުމަކީ ކޮންމެ ކުޅުންތެރިއަކުވެސް ދެކޭނެ ހުވަފެނެއް ކަމަށާއި ގައުމަށްޓަކައި މިކޮށްދެވުނު ކަންތަކާ މެދު އަދި ގައުމާ މެދުވެސް ފަހުރުވެރިވާ ކަމަށެވެ.
Ads by BMLމި މޮޅާއެކު މި އަހަރުގެ ވޯލްޑް ކަޕުގައި އެފްރިކާ ބައްރުގެ 10 ޓީމު ވާދަކުރާނެ އެވެ. މިއީ 1974 ވަނަ އަހަރު ޒައިރޭގެ ނަމުގައި ވާދަކުރުމަށްފަހު، ކޮންގޯއިން ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ޖެމެއިކާއަށްވެސް މިހާތަނަށް ވޯލްޑް ކަޕުގައި ކުޅެވިފައިވަނީ އެންމެ ފަހަރަކުއެވެ. އެއީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި މުބާރާތުގައެވެ.
ވޯލްޑް ކަޕްގައި ޑީއާރު ކޮންގޯ ހިމެނޭނީ ޕޯޗުގަލް، ކޮލަމްބިއާ އަދި އުޒްބެކިސްތާނާއެކު އެއް ގްރޫޕެއްގަ އެވެ. އެޓީމުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޕޯޗުގަލްއާ އެވެ. މުބާރާތުގެ އެންމެ ފަހު ޖާގަ ކަށަވަރުވާނީ އިރާގާއި ބޮލީވިއާ ބައްދަލުކުރާ އިންޓަރކޮންޓިނެންޓަލް ފައިނަލް މެޗަށްފަހުގަ އެވެ.
Ads by MACL
