ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ގިނަ އަދަދެއްގެ އަސާސީ މުދާ ރާއްޖެ ގެންނަން އިންޑިއާއިން ހުއްދަދީފި

ގިނަ އަދަދެއްގެ އަސާސީ މުދާ ރާއްޖެ ގެންނަން އިންޑިއާއިން ހުއްދަދީފި

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ އެއްބަސްވުމެއްގެ ދަށުން، އަސާސީ މުދާ ރާއްޖެއަށް ގެނައުމަށް ދީފައިވާ މުއްދަތު ރާއްޖޭން އެދިގެން އަނެއްކާވެސް އިތުރުކޮށްދީފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނެފި އެވެ.

އަސާސީ ބައެއް ކާބޯތަކެއްޗާއި ހިލައާއި ހިލަވެލި ރާއްޖެއަށް އާއްމުކޮށް އެކްސްޕޯޓް ކުރާ މިންވަރަށް ވުރެ އިތުރަށް މިއަހަރު އެކްސްޕޯޓް ކުރުމަށް އިންޑިއާ ސަރުކާރުން ވަނީ ނިންމާފަ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމުގެ މަތިން އަސާސީ ބައެއް ކާބޯތަކެއްޗާއި އިމާރާތް ކުރުމަަށް ބޭނުންވާ ތަކެތި އާއްމުކޮށް ރާއްޖެއަށް އެކްސްޕޯޓް ކުރާ މިންވަރަށް ވުރެ އިތުރަށް އެކްސްޕޯޓް ކުރުމަށް އިންޑިއާ ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.

އޭގެތެރޭގައި ހިމެނެނީ ބިސް، އަލުވި، ފިޔާ، ހަނޑޫ، ފުށް، ހަކުރު އަދި މުގުގެ އިތުރުން، ހިލައާއި ހިލަވެއްޔެވެ. ރާއްޖެއިން އެދިފައިވާ މިންވަރަށް މިހުރިހާ ބާވަތެއްވެސް އިންޑިއާއިން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް ހައިކޮމިޝަނުން މައުލޫމާތުދެއެވެ.

އިންޑިއާާއިން ރާއްޖެއަށް ޚާއްސަ ކޯޓާއެއްގެ ދަށުން އަސާސީ މުދާ އެކްސްޕޯޓް ކުރުމަށް 1981 ވަނަ އަހަރު އެއްބަސްވުމެއް ޤާއިމުކޮށްފައިވާއިރު، މިއީ މިހާތަނަށް އެ އެއްބަސްވުމުގެ ދަށުން އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް މުދާ އެކްސްޕޯޓް ކުރާ ފަހަރުކަން އިންޑިއާއިން ފާހަގަކުރެއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ނެރުއްވި ބަޔާނުގައި ވިދާޅުވީ، އެގައުމުން އަސާސީ ކާބޯތަކެއްޗާއި އެހެނިހެން މުދާ، އެހެން ގައުމުތަކަަށް އެކްސްޕޯޓް ކުރުން ހުއްޓާލާ ހާލަތެއްގައިވެސް، ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ފޯރުކޮށްދޭނެ ކަމަށެވެ. އަދި އިންޑިއާގެ "ނެއިބަރހުޑް ފަސްޓް ޕޮލިސީ" ގެ ދަށުން ރާއްޖޭގެ ތަރައްޤީއަށް ކުރާ މަސައްކަތުގައި އެގައުމުން ދެމިއޮންނާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.