އައު ޓާމިނަލާއެކު ދަރަވަންދޫ އެއާޕޯޓުގެ ޚިދުމަތްތަކަށް ޒަމާނީ ކުރިއެރުން ލިބި، ކެޕޭސިޓީ ދެގުނަވާނެ: އަމީން
ބ. ދަރަވަންދޫ އެއާޕޯޓުގެ އައު ޓާމިނަލް ތަރައްޤީވެ ނިމުމުން، އެއާޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތަކަށް އެކަށީގެންވާ ޒަމާނީ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ދަރަވަންދޫ އެއަޕޯޓު ޓާމިނަލް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު އަމީން ވިދާޅުވީ ދަރަވަންދޫ އެއަޕޯޓް ޓާމިނަލް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ އަތޮޅުގެ އިޤްތިޞާދީ ދުވެލި ހަލުވިކޮށް ދަތުރުފަތުރުކުރުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ އުންމީދުތަކުގެ މުހިއްމު ބައެއް ކަމަށެވެ.
ވަޒީރު އަމީން ވިދާޅުވީ އައު ޓާމިނަލްގެ މަސައްކަތް ނިމުމުން ޓާމިނަލްގެ ޖާގަ މިހާރަށްވުރެ ދެގުނަ އިތުރުވެގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ އުންމީދަކީ މި ބަދަލާއެކު ދަތުރުވެރިންނަށް އިތުބާރުކުރެވޭ، ޒަމާނީ ފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދޭ އެއާޕޯޓަކަށް ދަރަވަންދޫ އެއާޕޯޓު ވެގެންދިއުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވި އެވެ.
Ads by BMLސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ޑޮމެސްޓިކް ދަތުރުފަތުރުގެ ނިޒާމަކީ ހަމައެކަނި އެއްރަށުން އަނެއްރަށަށް ދަތުރުކުރަން އޮންނަ ވަޞީލަތެއްގެ ބަދަލުގައި، އެއީ ފަސޭހަ އަދި އަވަސް ހިތްގައިމު ތަޖުރިބާއަކަށް ހެދުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަގަށް މަސައްކަތްތައް ބައްޓަންކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދަރަވަންދޫ އެއާޕޯޓް ހިންގުން އައިލޭންޑް އޭވިއޭޝަންގެ ދަށަށް ބަދަލުވުމާއެކު، އެ އެއާޕޯޓުގެ ހިންގުމަށް ބޮޑެތި އަދި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށްވެސް ވަޒީރު އަމީން ވިދާޅުވި އެވެ. މިއީ ރާއްޖޭގެ އެވިއޭޝަން ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފަ އެވެ.
Ads by MACL
