އީރާނުން ނިއުކްލިއާ އެއްބަސްވުމުގެ ހުރިހާ ޝަރުތުތަކެއް ފުރިހަމަކުރި: ޕޫޓިން
ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު އީރާނުން ވެފައިވާ ނިއުކްލިއާ އެއްބަސްވުމުގެ ދަށުން އެ ގައުމުން އަދާކުރަންޖެހޭ ހުރިހާ އިލްތިޒާމްތަކެއް ފުރިހަމައަށް އަދާކޮށްފައިވާ ކަމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ވިދާޅުވެއްޖެ އެވެ. ޕޫޓިން މިހެން ވިދާޅުވީ އީރާނުގެ ނިއުކްލިއާ މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ޕޫޓިން ފާހަގަކުރެއްވި ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެއްބަސްވުމުން ވަކިވާން ނިންމެވީ އެއްވެސް މަޝްވަރާއެއް ނެތި އަމިއްލަފުޅަށެވެ. އަދި އެމެރިކާ އެއްބަސްވުމުން ވަކިވުމުން ވެސް، ޔޫރަޕްގެ ގައުމުތަކުން އީރާނަށް ބާރުއަޅަމުން ދިޔައީ އެއްބަސްވުމުގައި ހުރި ހުރިހާ ކަންކަމަށް އަމަލުކުރުމަށް ކަމަށް ޕޫޓިން ވިދާޅުވިއެވެ.
"އީރާނުން އެއްބަސްވުމުގެ ދަށުން އަދާކުރަންޖެހޭ ހުރިހާ އިލްތިޒާމްތަކެއް ފުރިހަމަކުރި. ހުރިހާ ކަމެއްވެސް ފުރިހަމަކުރި،" މިކަމާ ގުޅޭގޮތުން ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ޕޫޓިން ވިދާޅުވި އެވެ.
އަދި އެމެރިކާ އެއްބަސްވުމުން ވަކިވެފައިވާ ދަނޑިވަޅެއްގައި، އީރާނުން އެކަނި އެއްބަސްވުމަށް އަމަލުކުރަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ އިޝާރާތް ކުރެއްވިއެވެ.
ޔޫރަޕްގެ ގައުމުތަކުން ގެންގުޅޭ ސިޔާސަތަށް ފާޑުވިދާޅުވަމުން ޕޫޓިން ވިދާޅުވީ، އެމެރިކާ ވަކިވުމަކީ ގޯހެއް ކަމަށް ޔޫރަޕުން ބުނާއިރު، އަނެއްކޮޅުން އީރާނުން ހުރިހާ ކަމަކަށް އަމަލުކުރަން ޖެހޭނެ ކަމަށް ބުނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި މިކަމުގައި އީރާނުން ދެން އަމަލުކުރަންވީ ކޮން ގޮތަކަށްތޯ ސުވާލު އުފައްދަވައި، ހުޅަނގުގެ ގައުމުތަކުގެ ފިއްތުންތަކަށް ޕޫޓިން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
Ads by BML
Ads by MACL
