ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބީއެމްއެލް އަށް ތާރީޚީ ދުވަހެއް: 70 ޑޮލަރު އޭޓީއެމް ހިމެނޭހެން 90 އޭޓިއެމް އިފްތިތާހުކޮށްފި

ބީއެމްއެލް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑޮލަރު އޭޓީއެމް އިފްތިތާހުކުމުގެ ތެރެއިން
ބީއެމްއެލް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑޮލަރު އޭޓީއެމް އިފްތިތާހުކުމުގެ ތެރެއިން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 70 ޑޮލަރު އޭޓީއެމް ހިމެނޭހެން ޖުމްލަ 90 އޭޓީއެމް މިރޭ އިފްތިތާހުކޮށް، ބޭންކިންގ ތާރީޚުގައި މުހިންމު ފިޔަވަޅެއް އަޅައިފި އެވެ. މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ބުދަ ދުވަހުގެ ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އެވެ.

މި ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބް އާއި ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މިރޭ އިފްތިތާހުކުރެވުނު އޭޓީއެމްތަކުގެ ތެރޭގައި ހިމެނޭ 20 ރުފިޔާ އޭޓީއެމް ބަހައްޓާފައި ވަނީ ބޭންކުގެ ބްރާންޗްތައް މިހާރުވެސް ހިންގަމުންދާ ރަށްރަށުގަ އެވެ.

އަތޮޅުތަކަށް ޑޮލަރު އޭޓީއެމް ބެހިފައިވާ ގޮތް


ރާއްޖޭގެ 70 ރަށެއްގައި އަލަށް ބެހެއްޓި ޑޮލަރު އޭޓީއެމްތައް ވަނީ ހުރިހާ އަތޮޅަކަށް ފޯރާފައެވެ. އޭގެ ތެރޭގައި ކ. އަތޮޅުގައި 10 އޭޓީއެމް، ރ. އަތޮޅާއި އދ. އަތޮޅުގައި ކޮންމެ އަތޮޅަކު 6 އޭޓީއެމް، އަދި ހއ، ހދ، ބ، އަދި ސ. އަތޮޅުގައި ކޮންމެ އަތޮޅަކު 5 އޭޓީއެމް ހިމެނެއެވެ. މީގެ އިތުރުން އެހެނިހެން އަތޮޅުތަކަށްވެސް ވަނީ އާބާދީއަށް ބަލައި ޑޮލަރު އޭޓީއެމްގެ ޚިދުމަތް ފުޅާކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ، މިއީ މިހާތަނަށް، ކޭޝް ރިސައިކްލިން ކުރެވޭ (ފައިސާ ޖަމާކޮށް، ނެގޭ) އެންމެ ގިނަ އަދަދެއްގެ އޭޓީއެމް، ސިންކްރޮނައިޒްކޮށް، އެއް ވަގުތެއްގައި ޚިދުމަތް ދޭން ފެށޭ ފުރަތަމަ ފަހަރު ކަމަށާއި އަދި މިއީ ރެކޯޑެއް ކަމަށެވެ. ދުނިޔޭގެ ފެންވަރުގައި ވެސް މިހާ ގިނަ އަދަދެއްގެ ކޭޝް ރީސައިކްލިން އޭޓީއެމް އެއްފަހަރާ ފެށިކަން އެނގެން ނެތްކަން އޭނާ ފާހަގަކުރެއްވި އެވެ.

ބީއެމްއެލްގެ "މުޅި ރާއްޖޭއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ގާއިމުކޮށްފައެވެ. ބުދަ ދުވަހުގެ ރޭ އިފްތިތާހުކުރި އާ އޭޓީއެމްތަކާއެކު ބޭންކުގެ މުޅި އޭޓީއެމް ވިއުގަ ވަނީ 338 އަށް އިތުރުވެފައެވެ. މިއީ ކަސްޓަމަރުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެ މަގު ފަހިކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ބޮޑު ކުރިއެރުމެކެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރު ބީއެމްއެލްގެ އޭޓީއެމް ނެޓްވޯކް މެދުވެރިކޮށް 8.4 މިލިއަން މުއާމަލާތް ކޮށްފައިވާއިރު، ޖުމްލަ 17.1 ބިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މި އާ އޭޓީއެމްތަކާއެކު ބޭންކިންގ މުއާމަލާތްތަކަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.