ބީއެމްއެލް އިން 6 ރަށެއްގައި އާ ބްރާންޗްތައް ހުޅުވައިފި
މި ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބް އާއި ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ބީއެމްއެލް އިން އަލަށް ބްރާންޗްތައް ހުޅުވި ރަށްތަކަކީ ހދ. ހަނިމާދޫ، އއ. ތޮއްޑޫ، ތ. ވިލުފުށި، ސ. ހުޅުދޫ، އަދި ތ. ހިތަދޫ އެވެ. މީގެ އިތުރުން ހދ. ކުޅުދުއްފުށީގައި ވަނީ ވިޔަފާރިތަކަށް ހާއްސަ ބިޒްނަސް ސެންޓަރެއް ހުޅުވާފައެވެ.
މި ބްރާންޗްތަކުން ބުރާސްފަތި ދުވަހުން ފެށިގެން ރަސްމީކޮށް ޚިދުމަތް ލިބެން ފަށާނެއެވެ. ބޭންކުން ބުނި ގޮތުގައި މި ބްރާންޗްތަކުގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުންނާ ގާތުން، ކަސްޓަމަރުން ތިބި ތަނަކުން ޚިދުމަތް ފޯރުކޮށްދިނުމެވެ. މި ބްރާންޗްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ހަމައެކަނި އޮފީސް ތެރޭގައި ތިބޭނެ ބައެއް ނޫން ކަމަށް ބޭންކުން މައުލޫމާތުދެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، ހުރިހާ ކަމެއް ޑިޖިޓަލްވަމުންދާ ޒަމާނެއްގައި ކަސްޓަމަރުންނާ އޮންނަ ގާތްގުޅުން ދުރުވުމަކީ ބޭންކުން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ.
"އެމުވައްޒަފުންގެ ރޯލަކީ ގޭގެއަށްވެސް އަދި ވިޔަފާރިތަކަށްވެސް ޒިޔާރަތް ކުރުން. ބްރާންޗް ގާއިމްކުރާ ރަށާއި ކައިރި އެހެން ރަށްތަކަށް ދަތުރުވެސް ކުރުން،" ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން، މި މުވައްޒަފުން މެދުވެރިކޮށް ބޭންކުގެ ޕްރޮޑަކްޓްތަކުގެ މައުލޫމާތު ދިނުމާއި، ފައިނޭންޝަލް ލިޓެރަސީ ނުވަތަ މާލީ ކަންކަމަށް ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރާނެއެވެ. ހާއްސަކޮށް ސްކޭމްތަކުން ރައްކާތެރިވުމަށް އާންމުން ހޭލުންތެރިކުރުވުމަކީ މި ބްރާންޗްތަކުގެ މުވައްޒަފުންގެ މުހިންމު ޒިންމާއެއް ކަމަށް ބޭންކުން ފާހަގަކުރެއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބުނީ ޚިދުމަތްތައް ޑިޖިޓަލް ވަމުންދިޔަ ނަމަވެސް، ކަސްޓަމަރުންނާ ގާތުން ޚިދުމަތް ދިނުމަށް ބޭންކުން އަބަދުވެސް ތައްޔާރަށް އޮތް ކަމަށެވެ.
Ads by MACL
