ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންތިޚާބުތައް އެއްކޮށްލުމުގެ ވޯޓަކީ ސިޔާސީ ނިންމުމެއް ނޫން، އެއީ ޤައުމީ ނިންމުމެއް: ރައީސް

އިންތިޚާބުތައް އެއްކޮށްލުމުގެ ވޯޓަކީ ސިޔާސީ ނިންމުމެއް ނޫން، އެއީ ޤައުމީ ނިންމުމެއް: ރައީސް

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގާ "ފެންނަ ނުފެންނަ" ވޯޓަކީ ސިޔާސީ ވިސްނުމެއް އިސްކޮށްގެން ގޮތް ނިންމަން ޖެހޭ ވޯޓެއް ނޫން ކަމަށާއި އެއީ ގައުމީ ވިސްނުމެއްގައި ނިންމަންޖެހޭ ނިންމުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބުދަ ދުވަހުގެ ރޭ ބޭއްވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ވޯޓު ދޭންވީ މިނިވަން އަދި އިންސާފުވެރި އިންތިޚާބުތަކަކަށް މަގުފަހިކުރުމަށް ކަމަށެވެ. އަދި މި ބަދަލު ގެނައުމަށް "ފެންނަ" ކަމަށް ވޯޓު ދޭން ޖެހެނީ އޭގެ ސަބަބުން ރައްޔިތުންނާއި ޤައުމަށް ބޮޑެތި ފައިދާތަކެއް ހުރުމުން ކަމަށާއި، މިހާރު އޮތް ގޮތުން ޤައުމަށް ލިބޭ ފައިދާއެއް ނެތް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސުޕަ މެޖޯރިޓީގެ ނިޒާމު ބަދަލުކުރުން


މި ބަދަލާއެކު ލިބޭނެ އެންމެ ބޮޑު އެއް ކުރިއެރުމަކީ ސުޕަ މެޖޯރިޓީގެ ނިޒާމު ބަދަލުވެގެން ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މި ބަދަލާއެކު އިންތިޚާބުތަކުގައި "ސަރުކާރުގެ ކެންޑިޑޭޓުން" ތިބޭ ތިބުން ނިމުމަކަށް އަންނާނެއެވެ. މީގެ އިތުރުން، ދެ އިންތިޚާބު ވަކިން ބޭއްވުމުގެ ސަބަބުން ޤައުމަށް ހެޔޮނޭދޭ ބަޔަކު މަޖިލީހުގައި ތިބެގެން ކަންކަން ކުރި ގޮތް ފެނިފައިވާ ކަމަށާއި، އެފަދަ ކަންކަން ތަކުރާރުވާން އެދިވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

ސިޔާސީ މަންފާއަށްވުރެ ޤައުމީ މަސްލަހަތު އިސްކުރައްވާނެ ކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ، "މިއިން ކޮންމެ ކަމެއްގައި ވެސް މި އިސްކުރަނީ ރައްޔިތުންނާއި ޤައުމު" ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ސިޔާސީ ފައިދާއަށް ބައްލަވާނަމަ ވޭޕް މަނާކުރުމާއި ދުންފަތުގެ ޤާނޫނަށް ބަދަލު ގެނައުން ފަދަ ނިންމުންތައް ނުނިންމަވާނެ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ކައުންސިލް އިންތިޚާބަށްވުރެ ބޮޑަށް މި ވޯޓަށް ފޯކަސް ކުރަނީ ރާއްޖެއަށް އަންނަ ހެޔޮ ބަދަލުތަކަށް ހުރަސް އެޅުމަށް ކަމަށް ރައީސް ތުހުމަތު ކުރެއްވިއެވެ. ވުމާއެކު، ޑިމޮކްރެސީ ހަރުދަނާކޮށް ކޮރަޕްޝަން ނައްތާލުމަށްޓަކައި، ދެ އިންތިޚާބު އެއްކޮށްލުމަށް ތާއީދުކޮށް ވޯޓު ދެއްވުމަށް ރައީސް ވަނީ ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.