ނާސާގެ ތާރީހީ އާޓެމިސް 2 މިޝަން ކާމިޔާބީއާއެކު ފަށައިފި
އެމެރިކާގެ ފްލޮރިޑާ ސްޓޭޓުން ނާސާގެ އާޓެމިސް 2 މިޝަން ކާމިޔާބީއާއެކު ލޯންޗުކޮށްފި އެވެ. މިއީ ވޭތުވެދިޔަ 50 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އިންސާނުން ދުނިޔޭގެ އޯބިޓުން ބޭރަށް ދަތުރުކުރާ ފުރަތަމަ ފަހަރެވެ. މި މިޝަންގައި ހަތަރު އެސްޓްރޮނޯޓުން ހަނދުގެ ވަށައިގެން ތާރީޚީ ދަތުރެއް ކުރާނެ އެވެ.
ބުދަ ދުވަހު ފެށި މި މިޝަނަކީ އިންސާނުން އަލުން ހަނދަށް ފޮނުވުމަށާއި، އޭގެ ފަހުން މާސްއަށް އެސްޓްރޮނޯޓުން ފޮނުވުމަށް ނާސާއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.
32 ބުރީގެ އިމާރާތެއްގެ އުސްމިން ހުރި މި ރޮކެޓް އުދުއްސާލާފައިވަނީ ކޭޕް ކެނަވެރަލްގައި ހުންނަ ނާސާގެ ކެނެޑީ ސްޕޭސް ސެންޓަރުންނެވެ. މި މަންޒަރު ބަލަން އެތައް ހާސް ބަޔަކު އެ ސަރަހައްދަށް އެއްވެފައިވެ އެވެ.
Ads by BMLއާޓެމިސް 2 ގެ ކްރޫގައި ހިމެނެނީ ނާސާގެ އެސްޓްރޮނޯޓުން ކަމަށްވާ ރީޑް ވައިޒްމަން، ވިކްޓަރ ގްލޯވާ، ކްރިސްޓީނާ ކޮކް އަދި ކެނޭޑިއަން ސްޕޭސް އެޖެންސީގެ އެސްޓްރޮނޯޓް ޖެރެމީ ހެންސަން އެވެ. މި ޓީމުން ހަނދުގެ ވަށައިގެން ދަތުރުކޮށް އެނބުރި އައުމަށް ގާތްގަނޑަކަށް 10 ދުވަސް ހޭދަވާނެ އެވެ.
ލޯންޗް ޑައިރެކްޓަރު ޗާލީ ބްލެކްވެލް-ތޮމްޕްސަން ވިދާޅުވީ، މި ތާރީޚީ މިޝަންގައި މި ގެންދަނީ އާޓެމިސް ޓީމުގެ ހިތާއި، އެމެރިކާގެ ރައްޔިތުންގެ ހިތްވަރާއި، އަދި އާ ޖީލެއްގެ އުންމީދުތައް ކަމަށެވެ.
ޓެކްނިކަލް ގޮންޖެހުންތަކާއި ތައްޔާރީތައް ލޯންޗުކުރުމުގެ ކުރިން ހައިޑްރޮޖަން ފިއުލް އެޅުމުގެ މަރުހަލާގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުއްޓެވެ. މީގެ ކުރިން ބޭއްވި ޓެސްޓުތަކުގައި ދިމާވި ލީކުވުމުގެ މައްސަލަތައް މިފަހަރު ދިމާވެފައެއް ނުވެ އެވެ. ނާސާއިން ވަނީ 700,000 ގެލަންގެ ފިއުލް ކާމިޔާބީއާއެކު ރޮކެޓަށް އަޅާފަ އެވެ. މީގެ އިތުރުން ރޮކެޓްގެ ފްލައިޓް-ޓާމިނޭޝަން ސިސްޓަމާއި އޮރަޔަން ކެޕްސޫލްގެ ބެޓެރީއަށް ދިމާވި ކުދިކުދި މައްސަލަތައް ވެސް ވަނީ ލޯންޗުކުރުމުގެ ކުރިން ހައްލުކޮށްފަ އެވެ.
ދަތުރުގެ ކުރިއަށް ހުރި މަރުހަލާތައް އެސްޓްރޮނޯޓުން ފުރަތަމަ ދެ ދުވަސް ހޭދަކުރާނީ ދުނިޔޭގެ އޯބިޓުގައި ތިބެގެން އޮރަޔަން ކެޕްސޫލްގެ ލައިފް-ސަޕޯޓް، ނެވިގޭޝަން އަދި މުވާސަލާތީ ނިޒާމުތައް ޗެކްކުރުމުގަ އެވެ. މި ކަން ނިމުމުން، 'ޓްރާންސްލޫނާ އިންޖެކްޝަން' މަރުހަލާގެ ތެރެއިން ކެޕްސޫލް ދުނިޔޭގެ އޯބިޓުން ނިކުމެ ހަނދާ ދިމާލަށް ދަތުރު ފަށާނެ އެވެ.
މި ދަތުރުގެ ތެރޭގައި ކްރޫގެ ފަރާތުން ކެޕްސޫލްގެ ހުރިހާ ސިސްޓަމްތަކެއް މޮނިޓަރު ކުރަމުންދާނެ އެވެ.
"އަހަރެމެންނަށް ވަރަށް ރީތި ހަނދު އެރުމެއް ފެނިއްޖެ، އަހަރެމެން މިދަނީ ސީދާ އެއާ ދިމާލަށް." ދަތުރުގެ ފަސް މިނެޓް ތެރޭގައި ކޮމާންޑަރު ވައިޒްމަން ވިދާޅުވި އެވެ.
Ads by MACL
