ޕީއެންސީގެ ކެންޑިޑޭޓުންނަށް ދޭ ވޯޓަކީ މާލެ ސިޓީގެ ތަރައްގީއަށް ދެވޭ ވޯޓެއް: އަލީ ޖަލީލް
ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ދޭ ވޯޓަކީ މާލެ ސިޓީގެ ތަރައްގީއަށް އާނއެކޭ ބުނުމުގެ ވޯޓެއް ކަމަށް ޕީއެންސީގެ މޭޔަރު ކެންޑިޑޭޓް މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެ އެވެ.
ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސާ އަލީ ޖަލީލް ވިދާޅުވީ، އޭނާއާއި އޭނާގެ ޓީމަށް ދޭ ވޯޓަކީ ބިންވެރި ރައްޔިތެއް ކަމުގައިވުމަށާއި، ޗާލު މާލެއެއް ދުށުމަށް ދެވޭ ވޯޓެއް ކަމަށެވެ. އަދި އެއީ ހިތްފަސޭހަ މަގުމައްޗެއް އުފައްދައި، ޑިޖިޓަލް މާލެއެއް ގާއިމުކުރުމުގެ އިތުރުން މާލޭ ސިޓީ ކައުންސިލަށް ހަރުދަނާ ޒަމާނީ އިދާރީ ހިންގުމެއް ގެނައުމަށް ދެވޭ ވޯޓެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
"ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑާއި އަޅުގަނޑުގެ ޓީމަށް ދެއްވާ ވޯޓަކީ، މާލެ ސިޓީގެ ތަރައްޤީއަށް އާނއެކޭ ބުނުމުގެ ވޯޓު. އެއީ ބިންވެރި ރައްޔިތެއްކަމުގައިވުމަށް އާނއެކޭ ބުނުމުގެ ވޯޓު. އެއީ ޗާލު މާލެއެއް ދުށުމަށް އާނއެކޭ ބުނުމުގެ ވޯޓު. އެއީ ކުޑަކުދީންނާއި ޒުވާނުންނާއި ހަރުމީހުންނާއި އިސްރަށްވެހީންނަށް އަމާންކަމާއި އުފާވެރިކަމާއި ކުރިއެރުން އިޙްސާސްކޮށްދޭނެކަން ކަށަވަރުވާ ވޯޓު," މޫސަ ވިދާޅުވިއެވެ.
މޫސާ އަލީ ޖަލީލް ވިދާޅުވީ މާލެއާމެދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ހާއްސަ ތަސައްވުރެއް އެބައޮތް ކަމަށާއި، އެ ތަސައްވުރު ހަގީގަތަކަށް ހެއްދެވުމުގައި ފުރިހަމަ އެހީތެރިކަން ދެއްވާނެ މޭޔަރަކަށް އޭނާ ވެވަޑައިގަންނަވާނެ ކަމަށެވެ. މިގޮތުން ގްރޭޓަރ މާލޭގެ މާސްޓަރ ޕްލޭންގެ ދަށުން މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު، ގިރާވަރުފަޅު އަދި ރަސްމާލެ ހިމެނޭހެން ބޮޑެތި މަޝްރޫއުތަކެއް ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މި މަޝްރޫއުތަކާއެކު މުޅި މާލޭ ސަރަހައްދުގެ ޖިއޮގްރަފީ ބަދަލުވެ، ދަތުރުފަތުރާއި ވިޔަފާރި މުޅިން އެހެން ދަރަޖައަކަށް އުފުލިގެންދާނެ ކަމަށެވެ. އަދި ރައީސްގެ ވައުދުފުޅާ އެއްގޮތަށް ބިންވެރިކަމާއި ބޯހިޔާވަހިކަމުގެ ހިތްފަސޭހަ އާ ޒަމާނެއް ކޮންމެ ރައްޔިތަކަށް ކަށަވަރުވާނެ ކަމުގެ ޔަގީންކަން މޫސަ ދެއްވިއެވެ.
Ads by BMLމާލެ ސިޓީގެ ކޮންމެ އާއިލާއަކަށް ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށް ވިދާޅުވެ، އެ އުފާވެރިކަން ހޯދުމަށްޓަކައި ހުރިހާ ރައްޔިތުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް މޫސާ އަލީ ޖަލީލް ވަނީ އިލްތިމާސް ކުރައްވާފައެވެ.
Ads by MACL
