ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ބާރުގަދަ ބިންހެލުމަކާ އެކު ސުނާމީގެ އިންޒާރު; ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ

ބާރުގަދަ ބިންހެލުމަކާ އެކު ސުނާމީގެ އިންޒާރު; ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ

އިންޑޮނީޝިއާގެ އިރުމަތީގެ ކަނޑުގެ ސަރަހައްދަށް 7.4 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް، އެކަމާ ގުޅިގެން ބޮޑު ސަރަހައްދަކަށް ސުނާމީގެ އިންޒާރު ނެރެފި އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ނެރުނު އިންޒާރުގައި ބުނެފައިވަނީ މި ބިންހެލުމާ ގުޅިގެން، ބިންހެލުން އައި ސަރަހައްދުން ފެށިގެން 1,000 ކިލޯމީޓަރު (621 މޭލު) ގެ ސަރަހައްދަކަށް ސުނާމީ އަރައިފާނެ ކަމަށެވެ.

މި ބިންހެލުމާ ގުޅިގެން ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނީ، ބިންހެލުން އައިސްފައިވަނީ މާލެއާ 5,865 ކިލޯމީޓަރު ދުރަށް ކަމަށެވެ. އެހެންކަމުން މި ބިންހެލުމުގެ ސީދާ އެއްވެސް އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް އެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

މޮލުކާ ކަނޑުގެ ސަރަހައްދަށް އައި މި ބިންހެލުން ފުރަތަމަ ރެކޯޑުކުރެވުނީ 7.8 މެގްނިޓިއުޑްގައެވެ. ބިންހެލުން އައިސްފައިވަނީ އެ ސަރަހައްދުގެ ގަޑިން ހެނދުނު 6:48 (ރާއްޖެ ގަޑިން ފަތިހު 3:48) ގައެވެ. ހަވާއީގައި ހުންނަ ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނި ގޮތުގައި، ބިންހެލުން އައި މަރުކަޒާ ގާތްގަނޑަކަށް 1,000 ކިލޯމީޓަރުގެ ސަރަހައްދެއްގައި ހިމެނޭ އިންޑޮނީޝިއާ، ފިލިޕީންސް އަދި މެލޭޝިއާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ސުނާމީގެ ނުރައްކާ އެބައޮތެވެ.

އިންޑޮނީޝިއާގެ ސުމަޓްރާ ސަރަހައްދަކީ ބިންހެލުންތަކުގެ ނުރައްކާ ބޮޑު ސަރަހައްދެކެވެ. އެގޮތުން ޑިސެމްބަރު 2004 ގައި އެ ސަރަހައްދަށް އައި 9.2 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމަކާ ގުޅިގެން އުފެދުނު ސުނާމީގައި ރާއްޖެއާއި އޭޝިއާގެ ގިނަ ގައުމުތަކުން ލައްކައަކަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.

މިދިޔަ މަހުގެ ތިންވަނަ ދުވަހުވެސް އިންޑޮނީޝިއާ ކައިރިއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވެއެވެ. އެ ބިންހެލުން އައީ މާލެއާ 2,581 ކިލޯމީޓަރު ދުރަށެވެ. ނަމަވެސް މިއަދު އައި ބިންހެލުމަކީ ފަހުގެ ތާރީޚެއްގައި އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ އެއް ބިންހެލުމެވެ.