ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިންތިޚާބުތައް އެއްކޮށްލުމާއި ގުޅުވައި އިދިކޮޅުން ދައްކަނީ ކޮރަޕްޝަނާއި ރިޝްވަތަށް މަގުފަހިވާ ވާހަކަތަކެއް: ފަލާހު

އިންތިޚާބުތައް އެއްކޮށްލުމާއި ގުޅުވައި އިދިކޮޅުން ދައްކަނީ ކޮރަޕްޝަނާއި ރިޝްވަތަށް މަގުފަހިވާ ވާހަކަތަކެއް: ފަލާހު

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން ދައްކަމުންދާ ވާހަކަތަކަކީ ކޮރަޕްޝަނަށް ހިތްވަރުދީ، ނުބައި ފައިސާ ބެހުމަށް މަގުފަހިކުރާ ގޮތަށް ދައްކާ ވާހަކަތަކެއް ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އިންތިހާބުތައް އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންނަށް ލިބޭ ފައިސާ މަދުވާނެ ކަމަށް އިދިކޮޅުން ބުނަމުންދާ ކަމަށެވެ.

 "ދެ އިންތިހާބު އެއް ދުވަހެއްގައި އޮންނާތީ އިދިކޮޅުން މިކިޔަނީ ކީކޭތޯ؟ އިންތިހާބުތައް ގިނައިން އޮތީމައޭ ރައްޔިތުންނަށް ގިނައިން ފައިސާ ލިބޭނީ. ގިނައިން ލިބޭ ފައިސާ އެއީ ކޮން ވާހަކައެއްތޯ އެ ބުނެދެނީ؟ ނުބައި ފައިސާ އިންތިހާބުތަކާ ދިމާކޮށް ބަހަނީ. އެއީ އެ ބޭފުޅުންތައް އަމަލުކުރާ ގޮތް،" ފަލާހު ވިދާޅުވިއެވެ.

ފަލާހު ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް އަމާޒަކީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމެވެ. އެގޮތުން 19 ވަނަ މަޖިލީހުން ފާސްކުރި އެންޓި-ޑިފެކްޝަން ގާނޫނުގައި ހުރި އުނިކަންކަން އިސްލާހުކޮށް، މަޖިލީހުގެ ތެރެއިން ކޮރަޕްޝަނަށް ހުޅުވިފައި ހުރި ދޮރުތައް 20 ވަނަ މަޖިލީހުން މިހާރު ބަންދުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބުތައް އެއްކޮށްލުމާ ދެކޮޅަށް އިދިކޮޅު ލީޑަރުން ވާހަކަ ބަދަލުކުރައްވަނީ އެ ބޭފުޅުންގެ ސިޔާސީ މަސްލަހަތު އޮތުމުން ކަމަށް ފަލާހު ތުހުމަތުކުރެއްވި އެވެ. އަދި އާންމު ހިޔާލު ހޯދުމުގެ ވޯޓަށް އިދިކޮޅުން ސަމާލުކަން ދެނީ އެކަމުގެ ސަބަބުން ގައުމަށް ލިބިދާނެ ބޮޑު މަންފާއަކަށް ހުރަސް އެޅުމުގެ ބޭނުމުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވާހަކަ ނިންމަވާލައްވަމުން ފަލާހު ވިދާޅުވީ، އެމްޑީޕީން ގައުމަށް ހެޔޮ ބަދަލެއް އައިސް ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކަންކަން ވާން ނޭދޭނެ ކަމަށާއި، އިދިކޮޅުން މިހާރު ދައްކަމުންދަނީ ވަރަށް ފެންވަރު ދަށް ވާހަކަތަކެއް ކަމަށެވެ.