އައްޑޫގެ ފަތުރުވެރިކަން އާ އުސްމިންތަކަކަށް ގެންގޮސް، އިންވެސްޓްމެންޓްތަކަށް ފުރުސަތު ހުޅުވާލާނަން: މުޝްރިފް
އައްޑޫ ސިޓީގެ ފަތުރުވެރިކަން އާ އުސްމިންތަކަކަށް ގެންގޮސް، އެ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށް، އާ އިންވެސްޓްމެންޓްތަކަށް ފުރުސަތު ހުޅުވާލާނެ ކަމަށް ޕީއެންސީގެ ފަރާތުން އައްޑޫ ސިޓީ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މުޝްރިފް އަލީ ވިދާޅުވެއްޖެ އެވެ. މުޝްރިފަކީ މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި، ސަރުކާރާއި ކައުންސިލް އަދި ޕްރައިވެޓް ސެކްޓާގެ ސީނައާ މަގާމްތައް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.
މުޝްރިފް ހާމަކުރެއްވި ގޮތުގައި، އޭނާގެ އެންމެ ބޮޑު އެއް އަމާޒަކީ ޓޫރިޒަމް ޒޯންތަކުގައި މިހާރު ކުރެވެމުންދާ އިންވެސްޓްމެންޓްތައް ހިމާޔަތްކޮށް، އެ ތަންތަނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ވަރަށް އަވަހަށް ނިންމުމެވެ. މިގޮތުން ކަރަންޓާއި ފެނާއި ކުނި މެނޭޖްކުރެވޭނެ ނިޒާމުގެ އިތުރުން މަގު ހެދުމުގެ މަސައްކަތްތައް އަވަސްކޮށްދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ހުރިހާ ކަމެއް، ކައުންސިލްގައި އުފައްދާ ޓޫރިޒަމް ޑެސްކް މެދުވެރިކޮށް ދުވަހުން ދުވަހަށް ލިބޭނެ އިންތިޒާމް ހަމަޖައްސައި، އެކަންކަމާ ގުޅޭ ގޮތުން އެހީތެރިކަން ފޯރުކޮށް ދިނުމަށް ޙާއްސަ ހޮޓްލައިންއެއް ހަމަޖައްސަވާނެ ކަމަށް މުޝްރިފް ވިދާޅުވިއެވެ. "ޓޫރިޒަމް ޒޯންތަކުގައި ނެހެދި ހުރި ތަންތަން ތަރައްގީ ކުރުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނަން. އިންވެސްޓް ކުރާނެ ފައިސާ ހޯދުމުގެ މަގު ފަސޭހަކޮށްދީ އަވަހަށް މަންފާ ލިބޭނެ މަގު ފަހިކުރާނަން،" އޭނާ ވިދާޅުވިއެވެ.
"ދަ ގްރޭޓަރ އައްޑޫ" ތަސައްވުރު
ޒުވާނުންނާއި އަންހެން ކަނބަލުންނަށް މި ދާއިރާއިން ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި، ސަރުކާރާއި ބޭންކިން ނިޒާމުގެ ތެރެއިން ލިބެން ހުރި ފައިނޭންސިން ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މުޝްރިފް ވިދާޅުވިއެވެ. އައްޑޫއަކީ ފަތުރުވެރިންނަށް ފަހި މާހައުލަކަށް ހެދުމަށްޓަކައި "ދަ ގްރޭޓަރ އައްޑޫ"ގެ ތަސައްވުރުގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ.
Ads by BMLމި ތަސައްވުރުގެ ދަށުން އައްޑޫގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް އިންތިޒާމީ ޓުއާ ބަސް ދަތުރުތައް ފެށުމާއި، ބައިސްކަލް ބުރު ޖެހޭނެ އިންތިޒާމު ހަމަޖެއްސުމުގެ އިތުރުން ކިއުއާރު ޗާޓެއްގެ އެހީގައި އައްޑޫ ބަލާލެވޭނެ ގޮތް ހެދުން ހިމެނެއެވެ. އަދި އައްޑޫ، ފުވައްމުލައް އަދި ހުވަދޫ އެއް ވިއުގައަކުން ގުޅާލައި، ގުޅިފައިވާ އެކްސްކާޝަން ޕެކޭޖުތައް ތައާރަފްކުރުމަށް ވެސް ވަނީ ނިންމާފައެވެ.
މުޝްރިފް ވިދާޅުވި ގޮތުގައި، އޭނާގެ ފަސް އަހަރުގެ ދައުރު ނިންމާލާނީ އައްޑޫގެ ޒުވާނުންނާއި ކަނބަލުންނާއި ވިޔަފާރިވެރިންނަށް ފަތުރުވެރިކަމުގެ ފޮނި މަންފާ ސީދާ ގޮތެއްގައި ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށްފަހުއެވެ. މިކަންކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ގުޅިގެން ކުރެވޭނެ ކަންކަން ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
Ads by MACL
