ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެންއޯޕީ ހުރީ ލާޒިމްކުރާ މިންގަނޑަށްވުރެ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފަ: ބީއެމްއެލް

އެންއޯޕީ ހުރީ ލާޒިމްކުރާ މިންގަނޑަށްވުރެ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފަ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޔޫއެސް ޑޮލަރުގެ ނެޓް އޯޕަން ޕޮޒިޝަން (އެންއޯޕީ) އާއި ޑޮލަރުގެ ލިކުއިޑިޓީ ހުރީ ލާޒިމްކުރާ މިންވަރަށް ވުރެ ބާ ބޮޑަށް ވެސް ރަނގަޅުވެ، ހަރުދަނާ މިންވަރެއްގައި ހިފެހެއްޓިފައި ކަމަށް އެ ބޭންކުން ހާމަކޮށްފި އެވެ. ބޭންކުން ވަނީ މާލީ މި ދެ ކޮންސެޕްޓްގައި ހުރި ތަފާތުތަކާއި ގުޅޭގޮތުން އާންމުންނަށް މައުލޫމާތު އޮޅުންފިލުވައިދީފަ އެވެ.

ބޭންކުން ބުނި ގޮތުގައި، ނެޓް އޯޕަން ޕޮޒިޝަނަކީ ވަކި ވަގުތެއްގައި ބޭންކެއްގެ ބޭރު ފައިސާގެ އެސެޓްތަކާއި ލައިބިލިޓީތަކުގެ ދެމެދުގައި ހުންނަ ތަފާތެވެ. މިއީ އެކްސްޗޭންޖް ރޭޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޭންކަށް ލިބިދާނެ ފައިދާ ނުވަތަ ގެއްލުން ވަޒަންކުރާ މިންގަނޑެކެވެ. މިއާ ޚިލާފަށް، ލިކުއިޑިޓީއަކީ ކަސްޓަމަރުން ފައިސާ ނެގުމާއި، ބޭރަށް ފައިސާ ފޮނުވުމާއި، އަދި ލޯނު ދޫކުރުން ފަދަ ކުރު މުއްދަތުގެ ޒިންމާތައް އަދާކުރުމަށް ބޭންކަށް ލިބިފައިވާ ގާބިލުކަމެވެ.

ބީއެމްއެލްގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބޭންކުގެ ޔޫއެސް ޑޮލަރުގެ އެންއޯޕީ ވަނީ %20- އަށް (ޝޯޓް ޕޮޒިޝަނަކަށް) ވެއްޓިފައެވެ. މިއިން ދައްކުވައިދެނީ އެ މުއްދަތުގެ ނިޔަލަށް ބޭންކުން ގާތްގަނޑަކަށް 200 މިލިއަން ޔޫއެސް ޑޮލަރު އިތުރަށް ވިއްކާފައިވާ ކަމެވެ. ނަމަވެސް، މިއީ ބޭންކުގެ ލިކުއިޑިޓީއަށް ނުވަތަ ކަސްޓަމަރުންގެ ބޭނުންތަކަށް ފައިސާ ދޫކުރުމުގެ ގާބިލުކަމަށް އައި ބަދަލެއް ނޫން ކަމަށް ބޭންކުން ފާހަގަކުރެ އެވެ.

މި ޝޯޓް ޕޮޒިޝަންގެ މައްސަލަ ހައްލުކުރުމަށް ބޭންކުން ވަނީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގެ އެހީތެރިކަމާއެކު ހަރުދަނާ ފިޔަވަޅުތަކެއް އަޅާފަ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެންއޯޕީ ވަނީ ލޯންގ ޕޮޒިޝަނަކަށް ބަދަލުކުރެވިފައި ކަމަށް ބޭންކުން ބުނެ އެވެ. އޭގެ ފަހުން މިއަދާ ހަމައަށް ވެސް ބޭންކުގެ އެންއޯޕީ ހުރީ ރެގިއުލޭޓަރީ ގޮތުން ލާޒިމްކުރާ މިންގަނޑަށްވުރެ މާ ރަނގަޅު މިންވަރެއްގައި ކަމަށް ބޭންކުން ފާހަގަކުރެ އެވެ.

"އެންއޯޕީ ޝޯޓް ޕޮޒިޝަންގެ މައްސަލަ ހައްލުކުރުމަށް ބޭންކުން އިސްނަގައިގެން އެކި އިދާރާތަކާ ގުޅިގެން ފިޔަވަޅުތަކެއް ވާނީ އަޅާފަ. މިގޮތުން، ބޭންކުން ކުރެވުނު ވިޔަފާރީގެ މުޢާމަލާތްތަކާއި އަދި މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގެ ފުރިހަމަ އެހީތެރިކަމާއެކު، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އެންއޯޕީ ވަނީ ލޯންގ ޕޮޒިޝަން (އިތުރަށް ޑޮލަރު ގަނެފައިވާ ޕޮޒިޝަން) އަކަށް ގެނެވިފަ. އޭގެފަހުން ވެސް މި އަހަރު ތެރޭގަވެސް ބޭންކުން އެންއޯޕީވަނީ ރެގިއުލޭޓަރީ ގޮތުން ލާޒިމްކުރާ މިންގަޑަށްވުރެ މާރަގަޅު މިންވަރެއްގައި ހިފެހެއްޓިފަ. އަދި މިވަގުތުވެސް ވަނީ އެންމެ ރަގަޅު މިންވަރުގައި ހިފެހެއްޓިފަ." ބެންކުން ބުންޏެވެ.

މީގެ އިތުރުން ބޭންކުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ޖުމްލަ 600 މިލިއަން ޑޮލަރަށްވުރެ ގިނަ ޔޫއެސް ޑޮލަރު ވިއްކާފައިވާކަން ފާހަގަކޮށްފަ އެވެ.

މީގެ ތެރޭގައި ޓީޓީ ހެދުމާއި ކާޑުތަކުގެ ބޭނުންތައް ހިމެނެއެވެ. ބޭންކުން ބުނީ ޔޫއެސް ޑޮލަރުގެ ލިކުއިޑިޓީއަކީ ތަފާތު ފަންޑިންގ ވަސީލަތްތަކާއި ހަރުދަނާ ޓްރެޜަރީ އޮޕަރޭޝަންތަކާއެކު ވަރަށް ބޮޑަށް ސަމާލުކަންދީގެން ބަލަހައްޓަމުންދާ ކަމެއް ކަމަށެވެ.