ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްއޭސީއެލްގެ "މެރިޓް އެވޯޑް" ސީއެޗްއެސްއީގެ ހަތަރު ދަރިވަރަކަށް

އެމްއޭސީއެލްގެ "މެރިޓް އެވޯޑް" ސީއެޗްއެސްއީގެ ހަތަރު ދަރިވަރަކަށް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދޭ "މެރިޓް އެވޯޑް 2025" ސެންޓަރ ފޮ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ހަތަރު ދަރިވަރަކަށް މިއަދު އަރުވައިފި އެވެ.

މިއީ ދަރިވަރުންނަށް ކިޔެވުމަށް ހިތްވަރުދީ، ގައުމަށް ބޭނުންވާ ހުނަރުވެރި ޒުވާނުން އުފެއްދުމަށް އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ދެމުން އަންނަ އެވޯޑެކެވެ.

ސީއެޗްއެސްއީގައި މިއަދު ބޭއްވި ހާއްސަ އެސެމްބްލީއެއްގައި މި އެވޯޑް ލިބުނު ދަރިވަރުންނަށް އިނާމުތައް ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު އަލީ ހުޒެއިމް އެވެ. މި އެވޯޑަކީ ސީއެޗްއެސްއީގެ ގްރޭޑް 11 ނިންމާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ އަންހެން ދެ ދަރިވަރަކަށާއި ފިރިހެން ދެ ދަރިވަރަކަށް، އެ ސްކޫލުން ކަނޑައަޅާ އުސޫލެއްގެ ދަށުން ދެވޭ އެވޯޑެކެވެ.

މިއަހަރު އެވޯޑް ހާސިލުކުރި ދަރިވަރުން:



  • އަޒުވަދު ޒާހިދު ޙަމީދު

  • އީޒާން ޢަލީ

  • ހަމްދާ އަޙްމަދު ޝިހާމް

  • ޢާއިޝަތު ނައުރީން ޙަމްދީ


މި އެވޯޑް ހާސިލުކުރި ކޮންމެ ދަރިވަރަކަށް އެމްއޭސީއެލްގެ ފަރާތުން ލެޕްޓޮޕަކާއި ވައި-ފައި ޑިވައިސްއެއްގެ އިތުރުން، އެއް އަހަރު ދުވަހުގެ މުއްދަތަށް ޑޭޓާ ޕެކޭޖާއި ކޮންމެ މަހަކު ދޭ ފައިސާގެ އެލަވެންސެއް ލިބޭނެއެވެ. މިއީ މި އެވޯޑް ދެމުން އަންނަ ތިންވަނަ އަހަރެވެ.

އެމްއޭސީއެލް އިން އަންނަނީ 2023 ވަނަ އަހަރުން ފެށިގެން ސީއެޗްއެސްއީގެ ބެސްޓް އޯލް ރައުންޑް ދަރިވަރުންނަށްވެސް ފައިސާގެ އިނާމު ދެމުންނެވެ. މީގެ އިތުރުން، އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ރާއްޖޭގެ އެކި ސްކޫލްތަކަށް ބޭނުންވާ ވަސީލަތްތަކާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއޭސީއެލް އިން މުހިންމު ދައުރެއް އަދާކުރަމުންދެއެވެ.