ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މަޝްރޫއުތައް ނިންމުން އަވަސްކުރަން ގިނަ މެޝިނަރީތަކެއް ރާއްޖެ ގެނެސްފި

މެޝިނަރީތައް ހަވާލުކުރުމާއި އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
މެޝިނަރީތައް ހަވާލުކުރުމާއި އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ދުވެލި ހަލުވިކޮށް، އެއްފަހަރާ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ބޭނުންވާ ގިނަ އަދަދެއްގެ މެޝިނަރީ ރާއްޖެ ގެނެސްފިއެވެ. މި ތަކެތި ރާއްޖޭގެ ސަރުކާރާ ހަވާލުކޮށް، ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ ތިލަފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ތަކެއްޗަކީ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓް ސޮލިއުޝަން (އައިޑީއެސް) އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ދެމެދު ވެވުނު ފަހުމުނާމާއެއްގެ ދަށުން ހޯދާފައިވާ ތަކެއްޗެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ވަނީ އެއްފަހަރާ ގިނަ މަޝްރޫޢުތަކެއް ފެށުމަށް ބޭނުންވާ 230 މެޝިނަރީ ގެނެސްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަހަރު އިއްވެވި ރިޔާސީ ބަޔާނުގައި، އެއްފަހަރާ ގިނަ ރަށްތަކެއްގެ މަސައްކަތް ޚަރަދު ކުޑަކޮށް އަމިއްލަ ކެޕޭސިޓީގައި ކުރެވޭ ވަރަށް، ގިނަ ވަސީލަތްތަކެއް މިއަހަރުގެ އޭޕްރިލް މަސް ނިމުމުގެ ކުރިން ރާއްޖެ ގެންނަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. މި މެޝިނަރީތަކަކީ އެ ވައުދުފުޅުގެ ދަށުން ގެނެވުނު ތަކެއްޗެވެ.

މި މެޝިނަރީތައް ރާއްޖެ ގެނައުމުގެ އިތުރުން، މި ތަކެއްޗަށް ބޭނުންވާ މަރާމާތުގެ ޚިދުމަތްދޭ މަރުކަޒަކާއި، ސްޕެއަރ ޕާޓްސް ވިއްކާ މަރުކަޒެއް ޗައިނާގެ ދެ ކުންފުނި ގުޅިގެން ރާއްޖޭގައި ޤާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ. އާރްޑީސީން ވިދާޅުވި ގޮތުގައި، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ތަރައްޤީގެ ދުވެލި ހަލުވިވެ، މަސައްކަތްތަކުގައި ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ.

މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު، އޭގެ ތެރޭގައި ޔުޓިލިޓީ ވިއުގަތައް ޤާއިމުކުރުމާއި، ލަފާފުރުމުގެ މައްސަލަތައް ޙައްލުކުރުމާއި، މަގު ހެދުމާއި ބިންހިއްކުމުގެ އިތުރުން މުހިންމު ދާއިރާތަކުން ޚިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ހިމެނެއެވެ. އަލަށް ގެނެވުނު މެޝިނަރީތަކާއެކު މި މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ.