ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިސްލާމްދީނަށް ފުރައްސާރަކުރުމުން ޔަމާލް ރުޅިގަދަވެއްޖެ؛ ބުނީ އެއީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށް

ސްޕެއިންގެ ފުޓްބޯޅަ ތަރި ލަމީން ޔަމާލް
ސްޕެއިންގެ ފުޓްބޯޅަ ތަރި ލަމީން ޔަމާލް

ސްޕެއިންގެ ފުޓްބޯޅަ ތަރި ލަމީން ޔަމާލް، ބާސެލޯނާގައި މިސްރާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި އިސްލާމްދީނަށް ފުރައްސާރަކޮށް ސަޕޯޓަރުން ގޮވި ގޮވުންތަކަކީ ކެތްނުކުރެވޭނެ ފަދަ އަމަލުތަކެއް ކަމަށް ބުނެ އެކަން ކުށްވެރިކޮށްފި އެވެ.

މުސްލިމް ކުޅުންތެރިއެއް ކަމަށްވާ ޔަމާލް މިކަން ކުށްވެރިކުރިއިރު، ސްޕެއިންގެ ފުލުހުން މިހާރު ދަނީ މި މައްސަލަ އިސްލާމޯފޯބިއާ އަދި ނަސްލީ ތަފާތުކުރުމުގެ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

ޔަމާލް އޭނާގެ އިންސްޓަގްރާމްގައި ލިޔެފައިވަނީ، އެ ގޮވުންތަކަކީ ސީދާ އޭނާއަށް އަމާޒުކޮށްގެން ގޮވި އެއްޗެއް ނޫން ނަމަވެސް، މުސްލިމަކަށް ވީތީ އެއީ ދީނަށް ކުރި އިހުތިރާމް ކުޑަ އަމަލެއް ކަމަށެވެ.

"ދީނަކީ މަލާމާތްކުރާ އެއްޗެއްގެ ގޮތުގައި ދަނޑުމަތީގައި ބޭނުންކުރުމަކީ ތިބާގެ ނޭނގުންތެރިކަމާއި ނަސްލީ ތަފާތުކުރުން ހާމަވާ ކަމެއް،" ޔަމާލް ބުންޏެވެ.

ބާސެލޯނާ ކައިރީގައި އޮންނަ އާރްސީޑީއީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސްޕެއިންގެ ބައެއް ސަޕޯޓަރުން ވަނީ "ނުފުންމޭ މީހަކީ މުސްލިމެއް" ކަމަށް ބުނެ އަޑުގަދަކޮށްފަ އެވެ. މި ހާދިސާއާ ގުޅިގެން ސްޕެއިންގެ ޖަސްޓިސް މިނިސްޓަރު ފީލިކްސް ބޮލާނޯސް ވިދާޅުވީ، ނަސްލީ ތަފާތުކުރުމުގެ އަމަލުތަކަކީ މުޅި މުޖުތަމައު ލަދުގަންނަންޖެހޭ ކަމެއް ކަމަށާއި، މިފަދަ ނަފުރަތު ފަތުރާ މީހުންނާ ދެކޮޅަށް ސަރުކާރުން ސާބިތުކަމާއެކު އޮންނާނެ ކަމަށެވެ.

މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވެސް ވަނީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ، މި އަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނި ގޮތުގައި އެ ފެޑެރޭޝަނުން އަބަދުވެސް އޮންނާނީ ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށެވެ. މެޗު ކުރިއަށް ދިޔައިރު ސްޓޭޑިއަމްގެ ސްކްރީންތަކުން މިފަދަ އަމަލުތަކަކީ ކުށެއްކަން ހަނދާންކޮށްދެމުން ދިޔަ ނަމަވެސް، ސަޕޯޓަރުން ވަނީ އެކަން ހުއްޓާނުލާ ކުރިއަށް ގެންގޮސްފައެވެ.

ސްޕެއިންގެ ކޯޗު ލުއިސް ޑި ލަ ފުއެންޓޭ ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނީ މިފަދަ މީހުންނަކީ ފުޓްބޯޅަ ތަމްސީލުކުރާ ބައެއް ނޫން ކަމަށާއި، އެމީހުން މުޖުތަމައުން އެކަހެރިކުރަން ޖެހޭ ކަމަށެވެ. ކެޓަލޯނިއާގެ ފުލުހުން މިހާރު ދަނީ މި ހާދިސާގެ ތަހުގީގު ކުރިއަށް ގެންދަމުންނެވެ. ސްޕެއިންގެ ފުޓްބޯޅައިގައި ނަސްލީ ތަފާތުކުރުމުގެ މައްސަލަތަކަކީ ފަހަކަށް އައިސް ތަކުރާރުވަމުންދާ ބޮޑު މައްސަލައެކެވެ.