ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިދިކޮޅަށް ދަތިރެއެއް، ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް ފަށައިފި

އިދިކޮޅަށް ދަތިރެއެއް، ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ރަސްމީކޮށް ފަށައިފި

މާލޭގައި އާއްމު ދަތުރުފަތުރު ކުރުމުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރުމުގެ މަގްސަދުގައި ސަރުކާރުން ޓެކްސީ ލައިންގެ ހިދުމަތް މިރޭ ފަށައިފިއެވެ.

ސެންޓްރަލް ޕާކްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހިދުމަތް ދިނުމަށް ހަމަޖެހިފައިވާ އެމްޓީސީސީން ކުރިން ހާމަކުރި ގޮތުގައި ހިދުމަތް ތައާރަފް ކުރުމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް އިތުބާރު ކުރެވޭ، ރައްކާތެރި، ހަރުދަނާ، ލުއިފަސޭހަ އަދި ފެންވަރު ރަނގަޅު އިތުރު ޓެކްސީ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

ޓެކްސީ ލައިންގެ ހިދުމަތް ދިނުމަށް 150 ކާރު ބޭނުން ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މާލެ ގެނައި ކާރުތަކުގެ ތެރޭގައި ތިން މޮޑެލްއެއްގެ ކާރު ހިމެނެއެވެ. އެއީ ޗަންގަން ލުމިން، ޗަންގަން ޑީޕަލް އެސް05 އަދި ޗަންގަން ޑީޕަލް އެސް07 ގެ ކާރުތަކެކެވެ. ޗަންގަން ލުމިން މޮޑެލްގެ ކާރަކީ ތިން މީހުންނަށް އެރޭ ވައްތަރުގެ ކުޑަ ކާރެކެވެ. އެއީ މާލޭގެ ހަނިގޯޅިތަކަށް ފަސޭހައިން ވަދެވޭ ގޮތަށް ހުރި ކާރުތަކެކެވެ. އެ ކާރަށް އެރުވޭނީ ވެސް ވަރަށް ކުދި ލަގެޖެވެ.