ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިތުރު ދަރަންޏެއް ނުނަގައި ސުކޫކް ދެއްކުމުން ނަޝީދުގެ ތައުރީފު ސަރުކާރަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު. ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު. ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް
ދިވެހި ސަރުކާރުން 2021 ވަނަ އަހަރު ބައިނަލްއަގުވާމީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު، އިތުރު ދަރަންޏެއް ނުނަގައި ދައްކައި ހަލާސްކުރުމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ތައުރީފު ކުރައްވައިފި އެވެ. މިއީ ރާއްޖޭގެ މާލީ ހާލަތު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފަ އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، އިތުރު ދަރަންޏެއް ނުނަގައި ސުކޫކް ބޮންޑު އެއްކޮށް ދައްކައި ހަލާސްކުރުމަކީ ވަރަށް ބޮޑު ހިތްވަރެއް ލިބިގެންދިޔަ ކަމެއް ކަމަށެވެ. މި ކާމިޔާބީއަށްޓަކައި އެމަނިކުފާނު ވަނީ ސަރުކާރަށް މަރުހަބާ ދަންނަވާފައެވެ.

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ސުކޫކަށް ދައްކަންޖެހޭ އަސްލު އަދަދު ކަމަށްވާ 500 މިލިއަން ޑޮލަރާއި، އޭގެ ފައިދާގެ ރޭޓަށްވާ 24.68 މިލިއަން ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން މިހާރު ވަނީ ދައްކައި ޚަލާސްކޮށްފަ އެވެ. މި ސުކޫކަކީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށް ނަގާފައިވާ ދަރަންޏެކެވެ.

ފިނޭންސް މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ސުކޫކު ކުރިން ވިއްކާފައިވަނީ ދުނިޔޭގެ އިގުތިސާދަށް ހީނަރުކަން ކުރިމަތިވެފައި އޮތް ދަނޑިވަޅެއްގައި، އަނބުރާ ދެއްކުމުގެ ހަރުދަނާ ސިޔާސަތެއް ނެތި ވަރަށް ބޮޑު އަގެއްގައެވެ. ނަމަވެސް 2023 ވަނަ އަހަރުން ފެށިގެން މި ސަރުކާރުން ވަނީ ދަރަނި އަދާކުރުމުގެ ހަރުދަނާ މަސައްކަތްތަކެއް ފަށާފައެވެ.

މި މަސައްކަތުގެ ދަށުން އެޅުނު އެންމެ މުހިންމު އެއް ފިޔަވަޅަކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާކުރާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ (އޭޑީއެފް) ބޭރު ފައިސާއިން ޖަމާކުރަން ފެށުމެވެ. މި ބަދަލާއެކު އެސްޑީއެފްގެ ބޭރު ފައިސާގެ ބެލެންސް ވަނީ ތާރީހުގައި ފުރަތަމަ ފަހަރަށް 350 މިލިއަން ޑޮލަރަށްވުރެ އިތުރުވެފައެވެ.

އިތުރު ދަރަންޏެއް ނުނަގައި މިފަދަ ބޮޑު އަދަދެއް ދެއްކުމަކީ ރާއްޖޭގެ މާލީ އިތުބާރު ބައިނަލްއަގުވާމީ މައިދާނުގައި އިތުރުވެގެންދާނެ ކަމެއް ކަމަށް އިގުތިސާދީ މާހިރުން ފާހަގަކުރެއެވެ.