ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އިދިކޮޅުން ކެންސަލްކޮށްފި ކަމަށްބުނި ބައްދަލުވުން، މެލޭޝިއާގައި ތިބި ދިވެހިންނާއިއެކު ކާމިޔާބުކަމާއިއެކު ނިންމާލައިފި

އިދިކޮޅުން ކެންސަލްކޮށްފި ކަމަށްބުނި ބައްދަލުވުން، މެލޭޝިއާގައި ތިބި ދިވެހިންނާއިއެކު ކާމިޔާބުކަމާއިއެކު ނިންމާލައިފި

އަންނަ އަހަރު ދައުލަތުގެ ބަޖެޓު ތައްޔާރުކުރާއިރު، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބޭނުންވާ ކޮންސިއުލަރ ޚިދުމަތާއި އެހެނިހެން ޚިދުމަތްތައް ދިނުމަށް އިސްކަންދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ދެޤައުމަށްވެސް ފައިދާވާނެކަމަށާއި، ޚާއްޞަކޮށް ދިވެހީންނަށް ފައިދާވާނެ ދަތުރަކަށް މި ދަތުރުފުޅުވެފައިވާކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރުމަށް އެމަނިކުފާނު އިސްކަންދެއްވަނީ އެ ރައްޔިތުން ހިއްސާކުރަން ބޭނުންވާ ވާހަކަތައް ހިއްސާކުރައްވައި، އެފަރާތާތަކަށް ދަތިވާ ކަންކަމަށް ކުރިއެރުންތަކެއް އަވަހަށް ހޯދުމަށްކަމަށެވެ.

ގިނަ ޢަދަދެއްގެ ދިވެހިން ބައިވެރިވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މެލޭޝިއާއަކީ ރާއްޖެ ފިޔަވައި އެންމެ ގިނަ ދިވެހީން ދިރިއުޅޭ ޤައުމުކަން ފާހަގަކުރައްވައި، އެޤައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނުން ދިވެހިންނަށް އަމާޒުކޮށް ގިނަ ޚިދުމަތްތަކެއް ދޭންޖެހޭނެކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަންނަ އަހަރު ބަޖެޓު އެކުލަވާލައްވާއިރު، ކޮންސިއުލަރ ޚިދުމަތާއިި، ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކަށް އިސްކަންދެއްވާނެކަމަށެވެ. މިގޮތުން މެލޭޝިއާގައި ދިވެހި އައިޑީ ކާޑު އަދި ޕާސްޕޯޓު ހެދުން ފެށިފައިވާކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ މެލޭޝިއާގައިވެސް ދިވެހި ދަރިވަރުންގެ ޖަމްޢިއްޔާ އުފެދިގެން ދިއުމުން އެކަމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުން މެލޭޝިއާގައި ތަޢުލީމް ހާސިލްކުރާ ދަރިވަރުންގެ ޖަމްޢިއްޔާއަށް 3000 ޑޮލަރު ޖަމާކޮށްދެމުން ގެންދަވާނެކަމަށެވެ. މީގެ ކުރިން ރައީސް އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައިވެސް އެޤައުމުގައި ތަޢުލީމް ހާސިލްކުރާ ދަރިވަރުންގެ ޖަމްޢިއްޔާ އުފައްދަވާފައިވާއިރު، އެ ޖަމްއިއްޔާއަށްވެސް ފައިސާ ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.

"ދަރިވަރުންގެ ޖަމްއިއްޔާއެއް ހެދީމަފައިދާތަކެއް ހުންނާނެ. އޭގެތެރޭގަ ސްޓޫޑަންޓު އެކްޓިވިޓީ ހިންގަން. އަދި ކިޔަވާކުދިން އެކި ކަންތައް ކުރަން ހުންނާނެ. އެހެންވީމަ ކިޔަވާ ކުދިންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމަކީ އަޅުގަނޑުގެ ޒިންމާއެއް، ސަރުކާރުގެވެސް ޒިންމާއެއް." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިން އެމަނިކުފާނަށް ހުށައަޅަން ބޭނުންވާކަންކަން ހުށައެޅުމުގެ ފުރުޞަތު އަބަދުވެސް އޮންނާނެކަމަށް ވިދާޅުވެފައެވެ.

މިގޮތުން އެމްބަސީ މެދުވެރިކޮށްވެސް ރައްޔިތުން ބޭނުންވާކަންކަން ހުށައެޅޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ކޮންމެ ޤައުމެއްގައި ދިވެހިން އުޅުނުނަމަވެސް، ހުރިހާ ދިވެހިންނަށް ހަމަހަމަކަމާއެކު ޚިދުމަތްދިނުމަކީ އެމަނިކުފާނުގެ ޒިންމާއެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.