ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރިކުރި ދެ އަންހެނުން ހޯދަނީ؛ 8,700 އަށްވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކުރި

ފޭކް ސްލިޕް ފޮނުވައިގެން ގިނަ އަދަދެއްގެ ސާމާނު ގަތް ދެ އަންހެނުން--
ފޭކް ސްލިޕް ފޮނުވައިގެން ގިނަ އަދަދެއްގެ ސާމާނު ގަތް ދެ އަންހެނުން--

ނޯޓުގެ ނިއު އެޑިޝަން ފިހާރައަށް ފޭކް ޓްރާންސްފާ ސްލިޕެއް ފޮނުވައިގެން އެއްފަހަރާ 8،700 އަށްވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކުރި ޒުވާން ދެ އަންހެނުން ހޯދުމުގެ މަސައްކަތް އެ ފިހާރައިން ފަށައިފި އެވެ.

ނިއު އެޑިޝަނުން ރޭ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފޭކު ސްލިޕް ފޮނުވައިގެން އެ ދެ އަންހެނުން ޖުމްލަ 8،788.29 ރުފިޔާގެ ވިޔަފާރި އެ ފިހާރައިން ކޮށްފައިވާ ކަމަށެވެ. މި ހާދިސާ ހިނގާފައިވާ ގޮތް ސާފުކޮށްދިނުމުގެ ގޮތުން އެ ފިހާރައިން ވަނީ ސީސީޓީވީ ފުޓޭޖެއް ވެސް އާންމުކޮށްފަ އެވެ.

އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، އޭގެ ތެރެއިން އެއް އަންހެނަކު ހުންނަނީ ހުދު ކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ޖިންސެއް ލައިގެންނެވެ. އޭނާ ހުރީ ކަޅު ބުރުގާއަކުން މޫނު ނިވާކޮށްގެން ކަމަށްވާއިރު، ފިހާރަ ތެރޭގައި އުޅުނުއިރު ވެސް އަތުން ބުރުގާގައި ހިފަހައްޓައިގެން މޫނު ނުފެންނާނެހެން މަސައްކަތް ކުރަމުންދިޔަކަން ފާހަގަކުރެވެއެވެ.

ދެން ހުރި އަންހެން މީހާ ހުރީ ބުރުގާ ނާޅަ އެވެ. އޭނާ ލައިގެން ހުރީ ރަތް ކުލައިގެ އަތްދިގު ޓޮޕަކާއި ކަޅު ކުލައިގެ ޖިންސެކެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ފައިސާ ދެއްކުމުގެ ކަންކަމުގައި އުޅެނީ މޫނު ނިވާކޮށްގެން ހުރި އަންހެން މީހާއެވެ. ނަމަވެސް، ވިޔަފާރިކުރި ތަކެތި އެޅި ތިން ކޮތަޅު ހިފައިގެން ފިހާރައިން ނުކުމެގެން ދަނީ ބުރުގާ ނާޅާ ހުރި އަންހެން މީހާއެވެ.

ނިއު އެޑިޝަނުން ވަނީ މި ދެ މީހުން ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. އަދި އެ މީހުން ހޯދައިދޭ ފަރާތަކަށް "ރަނގަޅު އިނާމެއް" ދޭނެ ކަމަށް ވެސް އެ ފިހާރައިން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ކާމިޔާބުވާ ގޮތެއް ނުވެއެވެ. ފަހަކަށް އައިސް ފޭކް ސްލިޕް ބޭނުންކޮށްގެން ވިޔަފާރިކުރާ މައްސަލަތައް ވަނީ އިތުރުވެފައެވެ.