ސްކޫލްގައި ރޯވުން: ދަރިވަރުންގެ ކިޔެވުމަށް ބުރޫ ނާރާނެގޮތަށް ހުރިހާ އިންތިޒާމެއް ހަމަޖައްސަ ދޭނަން: މިނިސްޓްރީ
ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ރޯވި އަލިފާނުގެ ހާދިސާގައި ބޮޑު ގެއްލުމެއް ލިބިފައިވީ ނަމަވެސް އެ ސްކޫލްގެ ކުދިންގެ ކިޔެވުން ނުހުއްޓޭނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
މި ހާދިސާގައި ސްކޫލުގެ އެއް އިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިގެން ގޮސްފަ އެވެ.
750 އަށްވުރެ ގިނަ ކުދިން ކިޔަވަމުން ގެންދާ މި ސްކޫލުގައި އަލިފާން ރޯވީ ރޭ ދަންވަރު 12:30 ކަންހާއިރުގަ އެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ސްކޫލްގެ ޕްރައިމަރީ ސްޓާފްރޫމުގައި ހުރި އޭސީއެއްގައި ރޯވެގެންނެވެ. އޭސީގައި ހިފި މި އަލިފާންގަނޑު ރޯވެ ބޮޑުވެގެން ގޮސް ސްޓާފް ރޫމާ ޖެހިގެން ހުންނަ ޕްރިންޓު ރޫމާއި އެއް ކްލާސްރޫމަށް އަލިފާންގަނޑު ފެތުރުނެވެ. އަދި މި އަލިފާންގަޑު ނިއްވާލާފައިވަނީ ރޭ ދަންވަރު 2:00 ހާއިރުގައި އެވެ. ނަމަވެސް އަލިފާންގަނޑު ނިއްވާލެވުނުއިރު އެ ތިން ތަން އެއްކޮށް ވަނީ އަނދައި އަޅިއަށްވެފަ އެވެ.
މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ތަފްސީލު ހާމަކުރައްވަމުން އެޑިއުކޭޝަން މިނިސްޓަރ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަލިފާނުގެ ސަބަބުން ސްކޫލުގެ ޕްރައިމަރީ ޓީޗަރުންގެ ސްޓާފްރޫމާއި، ޕްރިންޓިން ރޫމްގެ އިތުރުން އެއް ކިލާސްރޫމް އެއްކޮށް އަނދާފައިވާ ކަމަށެވެ. މިއީ ސްކޫލަށް ލިބުނު ވަރަށް ބޮޑު ދެރައެއްގެ ގޮތުގައި މިނިސްޓަރ ވަނީ ސިފަކުރައްވާފަ އެވެ.
އެޑިއުކޭޝަން މިނިސްޓަރ ޝަފީއު ވިދާޅުވީ، ކުރިއަށް އޮތް ހަފްތާގެ ކިޔެވުން ފެށެންވާއިރަށް ޕްރިންޓިންގް ރޫމަށް ބޭނުންވާ މެޝިނަރީތަކާއި، މުދައްރިސުންނަށް ބޭނުންވާ ކޮމްޕިއުޓަރާއި ފަރުނީޗަރު ލިބޭނެ އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށެވެ. އަދި ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ފަދަ ގޮތަކަށް ސްކޫލުގެ ކަންކަން ތަރުތީބު ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މި ހާދިސާގައި އަލިފާން ނިއްވުމަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓްރީން ވަނީ ވިލިނގިލީގެ ރައްޔިތުން ދެއްވި އެއްބާރުލުން ފާހަގަކުރައްވާފަ އެވެ.
"ވަކިން ހާއްސަކޮށް އަލިފާން ނިންވުމުގައި ވިލިނގިލީގެ ރައްޔިތުންގެ ހިއްސާ ނުހަނު ބޮޑުކަން ފާހަގަކޮށް، އަލިފާން ނިއްވުމުގައި ބައިވެރިވި އެންމެހާ ބޭފުޅުންނަށް، އެޑިޔުކޭޝަން މިނިސްޓްރީގެ ނަމުގައި ޝުކުރު ދަންނަވަމެވެ،" މިނިސްޓަރ ޝަފީއު ވިދާޅުވެފައިވެ އެވެ.
މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަނެ، ސްކޫލުގެ އާންމު ހާލަތަށް ގެނައުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.
Ads by MACL
