"ކިތަންމެ އާރަކާއި ބާރެއް އޮތަސް، މަރުން ރެކިގަނެވޭނެ ހަމަ އެކަކުވެސް ނުހުންނާނެ"
"އަދި މަރުގެ ސަކަރާތް ޙައްޤު ގޮތުގައި އަންނަ ހުށްޓެވެ. އެއީ ތިބާ އެޔަށް ފިލާން އުޅޭ ކަމުގައިވީ މަރެވެ."
اَلْبَرَاءُ بْنُ عَازِب رَضِيَ الله عَنْهُ ވިދާޅުވިއެވެ. އެއްދުވަހަކު ތިމަންބޭކަލުން ރަސޫލުالله ﷺ އަރިހުގައި ތިއްބަވަނިކޮށް، ދުރުން ބަޔަކު ފެނިވަޑައިގެން އެ މީހުން އެއްވެފައިވަނީ ކީއްވެގެންތޯ އެ ކަލޭގެފާނު ސުވާލުކުރެއްވިއެވެ. އެ ކަލޭގެފާނަށް ދެންނެވުނެވެ. ބޭކަލަކު އަވަހާރަވެގެން އެ ބެކޭލަކު ފަސްދާނުލުމުގެ ކަންތައް ކުރިއަށްދަނީއެވެ. އެ ހިނދު ކުއްލިއަކަށް ރަސޫލުالله ﷺ ތެދުވެވަޑައިގެން، އަވަސްފިޔަވަޅުފުޅު މަތީ ހިންގަވައިފައި، ކޮނެފައިވާ ކަށްވަޅުގެ ކައިރިއަށް ވަޑައިގެން އިށީނދެވަޑައިގަތެވެ. ދެން އެ ކަލޭގެފާނު ކުރައްވަނީ ކޮންކަމެއްތޯ ބެއްލެވުމަށް ޓަކައި، ތިމަންކަލޭގެފާނު އެ ކަލޭގެފާނުގެ ކުރިފުޅުމައްޗަށް ވަޑައިގަތީމެވެ. އެ ވަގުތު ފަސްގަނޑު ތެމިއްޖައުމަށްދާންދެން ކީރިތިކުރެއްވިއެވެ. އެއަށް ފަހު ތިމަންމެންނާ މުޚާޠަބުކުރައްވައި ޙަދީޘްކުރެއްވިއެވެ.
"އޭ ތިމަންކަލޭގެފާނުގެ އަޚުންނޭވެ! މި ދުވަހަކަށް ތިޔަބައިމީހުން ވެސް ތައްޔާރުވާށެވެ!"
ހުތުބާގައި ބުނި ގޮތުގައި މަރަކީ ދިރިއުޅުމުގެ ހަޔާތުގައި ކުރިމަތިލާން ޖެހޭ އެންމެ ބޮޑު ހަގީގަތެވެ. ދުނިޔޭގައި އެއްކުރި މުދަލާއި، ލޯބިވާ އަނބިދަރީންނާއި، ގެދޮރާއި، ބިނާކޮށްފައިވާ ވިޔަފާރިއާއި، މި ދުނިޔޭގެ ޒީނަތުގައި ހޭދަކުރަމުން ދިޔަ އުފާވެރި ދުވަސްތައް ދޫކޮށް، ތިބާ ދުނިޔެއިން ވަކިވާން ޖެހޭ ވަގުތަކީ އާދައިގެ ވަގުތެއް ނޫން ކަމަށް ހުތުބާގައި ބަޔާންކުރިއެވެ."މަރުން ރެކިގަނެވޭނޭ ހަމަ އެކަކު ވެސް ނުވޭ. އެއީ ކިތަންމެ އާރާއި ބާރެއްގެ ވެރިއެއްކަމުގައި ވިޔަސް، އޭނާގެ ގާތަށް މަރު އަންނާނެ. ދުނިޔޭގެ ރަސްރަސްކަލުންގެ ގަނޑުވަރުތަކުގައި އެތައް ބަޔަކު ފާރަވެރިވެ، އެ މީހުން ހިމާޔަތްކުރުމަށް ތިބޭ. އެ މީހަކަށް އެ މީހުންނާ ބައްދަލުކުރެވެނީ ހުއްދަހޯދައިގެންނެވެ. އެކަމަކު މަލަކުން މައުތު އެ ގަނޑުވަރަށް ވަދެވަޑައިގަންނަވާނީ އެއްވެސް ހުއްދައެއް ނެތި." ވެރިކަމާއި ބާރުގެ މައްޗަށް އަލިއަޅުވާލައްވަމުން ހުތުބާގައި ބުންޏެވެ.
މަރުގެ ވަގުތަކީ ތިބާ ދެކެ ލޯބިވާ ދަރީންނާއި، އަނބިމީހާ ނުވަތަ ފިރިމީހާ ހިތާމަކުރަމުންދާ ވަގުތު ކަމަށާއި، މައިންބަފައިންގެ ލޯތައް ތެމި ކަރުނަ އަޅަމުންދާ ވަގުތު ކަމަށް ހުތުބާގައި ވިދާޅުވިއެވެ. އަދި ސިއްހީ ހުރިހާ ވަސީލަތްތައް މެދުވެރިކޮށް ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރެވެމުންދާ ވަގުތު، ނޭވާ ކުރުވެ، އަބަދުގެއަބަދަށް މި ދުނިޔެ ދޫކޮށް ދާން ޖެހޭ ވަގުތަކީ ކޮންމެ އިންސާނަކާ ބައްދަލުކުރާނޭ އެންމެ ވޭނާއި ތުރާ ލިބޭނޭ ވަގުތު ކަމުގައި ހުތުބާގައި ފާހަގަކުރެއްވިއެވެ.
މާތް الله ވަޙީކުރައްވައިފައި ވެއެވެ. "އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައިވިޔަސް، ތިޔަބައިމީހުން ތިބި ކޮންމެ ތަނަކުން މަރު، ތިޔަބައިމީހުން އަތުލާނެތެވެ."
މިއަދުގެ ހުތުބާ ނިންމާލާފައިވަނީ މަރުވާނެކަމާއި، މަރާ ކުރިމަތިލާން ޖެހޭނޭކަން ދަނެ، އެ ކަމަށް ތައްޔާރުވުމަށް އިލްތިމާސްކުރަމުންނެވެ. އެގޮތުން ހެޔޮ އަމަލުތައް ގިނަކޮށް، ނުބައި ކަންކަމުން ދުރުވެ، ގިނަގިނައިން މަރު ހަނދާންކުރުމަށް ހުރިހާ މުސްލިމުންނަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.
Ads by MACL
