ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ޙައްޤުތަކަށް ހުރަސްނޭޅުމަށް ގޮވާލައިފި
މާދަމާ ބާއްވާ އިންތިޚާބުގައި ކެންޑިޑޭޓުންނާއި ވޯޓުލާ މީހުންގެ ޙައްޤުތަކަށް ހުރަސް އެޅޭނޭ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިލްތިމާސްކޮށްފިއެވެ.
މި އިންތިޚާބަކީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026 އެވެ.
އެޗްއާރްސީއެމްއިން ހާމަކުރި ގޮތުގައި މި އިންތިޚާބު އޮބްޒަރވް ކުރުމުގެ ގޮތުން އެ ކޮމިޝަންގެ 78 އޮފިޝަލުން މާލޭގެ އިތުރުން 18 އަތޮޅެއްގެ 21 ރަށެއްގައި ހަރަކާތްތެރިވާނެއެވެ. ވޯޓުފޮށި އޮބްޒަރވްކުރުމުގެ މަސައްކަތް ހެނދުނު 6:30 އިން ފެށިގެން ވޯޓުލާ ނިމުމާ ހަމަޔަށް ކުރިއަށް ގެންދާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.
މިގޮތުން މާލެ ސަރަހައްދުގައި ވޯޓުލާ ދުވަހުގެ އެކި ގަޑިތަކުގައި 208 ފޮށްޓެއް އޮބްޒަރވްކުރުމުގެ އިތުރުން، އަތޮޅުތެރޭގެ 21 ރަށެއްގައި ޖުމްލަ 104 ފޮށްޓެއް އޮބްޒަރވްކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކ. މާފުށި ޖަލުގައި ވެސް ކޮމިޝަންގެ އޮބްޒަރވަރުން ހަރަކާތްތެރިވާނެ ކަމަށް އެޗްއާރްސީއެމްއިން މަޢުލޫމާތު ދެއެވެ.
އެ ކޮމިޝަނުން ވިދާޅުވީ އިންތިޚާބުތަކުގައި ބައިވެރިވުމާއި ވޯޓުލުމަކީ ޤާނޫނުއަސާސީން ކޮންމެ ދިވެހި ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ މުހިންމު އަސާސީ ޙައްޤެއް ކަމަށެވެ. އެހެންކަމުން، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ވޯޓުލުމުގެ ޙައްޤު އަދާކޮށް، ޤައުމުގެ މުސްތަޤްބަލް ބިނާކުރުމުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް އެ ކޮމިޝަނުން ވަނީ ގޮވާލާފައެވެ.
"ތިމާ ދޭ ވޯޓަކީ އެހެންފަރާތެއްގެ ނުފޫޒެއްނެތި ތިމާ ބޭނުންވާ ކެންޑިޑޭޓަކަށް އަމިއްލަ އިޚްތިޔާރުގައި ދެވޭ ވޯޓަކަށް ހެދުމަށާއި، ވޯޓުލުމަށް ލިބިދީފައިވާ ޙައްޤަށް ހުރިހާ ފަރާތަކުންވެސް ފުރިހަމައަށް އިޙްތިރާމް ކުރުމަށް ގޮވާލަން،" އެޗްއާރްސީއެމްގެ ބަޔާނުގައިވެއެވެ.
މީގެއިތުރުން، މުޖްތަމައުގައި ސިޔާސީގޮތުން ހިޔާލު ތަފާތުވުން ހުރިކަމުގައި ވީނަމަވެސް، އަމާންކަމާއި ސުލްހަވެރިކަން އިސްކުރުމަށާއި، ޤާނޫނުގެ ވެރިކަމުގެ ތަރަހައިގެ ތެރެއިން ކަންކަމަށް ޙައްލު ހޯދުމަށްވެސް އެ ކޮމިޝަނުން ވަނީ އެދިފައެވެ.
Ads by MACL
