އިޓަލީ ކޯޗު ގަޓޫސޯ އާއި ފުޓްބޯޅަ ފެޑެރޭޝަން ގެ ރައީސް ގަބްރިއެލް މަގާމުން އިސްތިއުފާ ދީފި
ޖެހިޖެހިގެން ތިންވަނަ ފަހަރަށް އިޓަލީ ވޯލްޑް ކަޕަށް ކޮލިފައި ނުވުމުގެ ޒިންމާ ނަގައި އެ ގައުމުގެ ގައުމީ ޓީމުގެ ކޯޗު ޖެނާރޯ ގަޓޫސޯ މަގާމުން އިސްތިއުފާ ދީފިއެވެ.
އޭސީ މިލާންގެ ކުރީގެ ލެޖެންޑް، އުމުރުން 48 އަހަރުގެ ގަޓޫސޯ މަގާމުން ވަކިވެފައިވަނީ ދެފަރާތް އެއްބަސްވެގެން ކަމަށް އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ.
2025 ވަނަ އަހަރުގެ ޖޫން މަހު އިޓަލީގެ ފުޓްބޯޅަ އާރާސްތުކުރުމަށް ހަވާލުވި ގަޓޫސޯގެ ކޯޗުކަމުގެ ދަށުން އިޓަލީއަށް ވޯލްޑް ކަޕްގެ ޖާގައެއް ގެއްލުނީ ޕްލޭއޮފް ފައިނަލްގައި ބޮސްނިއާ އެންޑް ހެރްޒެގޮވީނާ އަތުން ޕެނަލްޓީ ޖަހައިގެން 4-1 އިން ބަލިވުމާ ގުޅިގެންނެވެ. މިއާއެކު 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުންވެސް އިޓަލީއަށް ވަނީ ފުރުސަތު ފެއްލިފަ އެވެ.
Ads by BMLއަހަރަކު 800,000 ޔޫރޯގެ މުސާރައެއްގެ އިތުރުން ކޮލިފައިވުމުން ލިބޭ އެއް މިލިއަން ޔޫރޯގެ ބޯނަހަކަށް އެއްބަސްވެގެން ޓީމާއި ހަވާލުވި ގަޓޫސޯ މަގާމުން ވަކިވީ، އޭނާގެ އިރުޝާދުގެ ދަށުން ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވެ، އެއް މެޗު އެއްވަރުވެ އަދި އެންމެ މެޗަކުން ބަލިވެފައިވާ ރެކޯޑަކާއެކު އެވެ. ތަފާސްހިސާބުތަކަށް ބަލާއިރު ނަތީޖާ ރަނގަޅު ނަމަވެސް، ޕްލޭ-އޮފް ކާމިޔާބު ނުކުރެވުމުގެ ސަބަބުން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން ގެ އިސްވެރިންގެ މެދުގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދި، ދެބަސްވެ އަރައިރުންތަކެއް ވަނީ ހިނގާފަ އެވެ.
އިޓަލީ ފުޓްބޯޅައިގެ ބޮޑު ބަދަލެއް
ގަޓޫސޯގެ އިތުރުން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން ގެ ރައީސް ގަބްރިއެލް ގްރަވީނާ އާއި ޑެލިގޭޝަން ޗީފް ޖިއަންލުއިޖީ ބުފޮން ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. ގަޓޫސޯގެ އިރުޝާދުގެ ދަށުން ކުޅުނު 8 މެޗުގެ ތެރެއިން 6 މެޗުން މޮޅުވެ، އެއް މެޗު އެއްވަރުވެފައިވާއިރު، ބަލިވީ އެންމެ މެޗަކުންނެވެ. ނަމަވެސް އެންމެ މުހިންމު މެޗުން ބަލިވުމުން މުޅި މެނޭޖްމަންޓަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ.
މި ނާކާމިޔާބީއާ ގުޅިގެން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނަށް މާލީ ގޮތުން 150 މިލިއަން ޔޫރޯގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ބެލެވެއެވެ. މިއީ ޓީވީ ރައިޓްސް އާއި ސްޕޮންސަޝިޕްތަކުން ލިބެން އޮތް އާމްދަނީއެވެ. އިޓަލީގެ ސްކޮޑަކީ 834 މިލިއަން ޔޫރޯގެ މާކެޓް އަގަކާއެކު، ވޯލްޑް ކަޕަށް ކޮލިފައި ނުވާ އެންމެ އަގުބޮޑު ޓީމެވެ.
މިއީ އާ ކޯޗެއް ހޯދުމަށް ކުރާ މަސައްކަތަށް ވެސް އިޓަލީ ޓީމަށް އެޅޭނެ ހުރަހެކެވެ. އެވްރެޖް އުމުރު 26.4 ގައި އޮތް މި ޓީމަށް ދެން ކުރިއަށް އޮތް ހަތަރު އަހަރު ކުޅެން ޖެހޭނީ ހަމައެކަނި ނޭޝަންސް ލީގާއި ޔޫރޯ ކޮލިފައިން މެޗުތަކެވެ. އިޓަލީގެ ކޯޗުކަމަށް ދެން އަތުވެދާނެ ކަމަށް ބެލެވެނީ 58 އަހަރުގެ މެސިމިލިއާނޯ އެލެގްރީ ނުވަތަ ކުރީގެ ކޯޗު 56 އަހަރުގެ ރޮބާޓޯ މަންޗީނީ އެވެ.
އިޓަލީގެ އާ ކޯޗަކަށް މާސިމިލިއާނޯ އެލެގްރީ ނުވަތަ ކުރީގެ ކޯޗު ރޮބާޓޯ މަންޗިނީ ގެނައުމުގެ ވާހަކަތައް މިހާރު ވަނީ ފެށިފައެވެ. ކުރިއަށް އޮތް ހަތަރު އަހަރު ދުވަހު އިޓަލީއަށް ކުޅެން ޖެހޭނީ ހަމައެކަނި ނޭޝަންސް ލީގާއި ޔޫރޯ ކޮލިފައިން މެޗުތަކެވެ.
ޒުވާން ކުޅުންތެރިންނަށް ކުރިމަތިވި ހިތްދަތިކަން
މާކެޓް އަގަށް ބަލާއިރު 834 މިލިއަން ޔޫރޯގެ އަގުހުރި، ވޯލްޑް ކަޕުން ބޭރުވި އެންމެ އަގުބޮޑު ސްކޮޑުގެ ގޮތުގައި އޮތް އިޓަލީ ޓީމަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް ބޭނުންވެފަ އެވެ. ޕްލޭ-އޮފް ފައިނަލްގެ 41 ވަނަ މިނެޓުގައި ރަތް ކާޑު ދެއްކި އުމުރުން 26 އަހަރުގެ އެލެސަންޑްރޯ ބަސްޓޯނީ އާއި، 80 މިލިއަން ޔޫރޯގެ އަގުހުރި 25 އަހަރުގެ ސަންޑްރޯ ޓޮނާލީ ފަދަ ތަރިންނަށް، އެމީހުންގެ ކުޅިވަރުގެ އެންމެ ކުރިއަރާފައިވާ އުމުރުގައި ވޯލްޑް ކަޕެއްގައި ކުޅުމުގެ ފުރުސަތު ނުލިބި ގެއްލުމުގެ ބިރު ވަނީ ކުރިމަތިވެފަ އެވެ.
ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީ ނާކާމިޔާބުވި ޒުވާން ކުޅުންތެރިން ކަމަށްވާ 18 އަހަރުގެ ފްރެންޗެސްކޯ ކަމާޑާ އާއި 20 އަހަރުގެ ޕިއޯ އެސްޕޮސިޓޯއަށް ވަނީ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައެވެ. ގަޓޫސޯ ބުނި ގޮތުގައި އޭނާ މަގާމުން ވަކިވީ ވަރަށް ހިތްދަތިވެގެންނެވެ. އިޓަލީ ފަދަ ފުޓްބޯޅައިގެ ގަދަބާރެއް މިފަދަ ހާލަތެއްގައި އޮތުމަކީ ހިތާމަހުރި ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.
2025/26 ގެ ބައިނަލްއަގުވާމީ ކަލަންޑަރުގައި ޖޫން މަހު ކުޅެން ހުރި އެކުވެރިކަމުގެ މެޗުތަކާ ދިމާލަށް އިޓަލީ ދާއިރު، އެ ގައުމު އޮތީ އެމީހުންގެ އަގުބޮޑު ސްކޮޑާ އެކަށޭނަ ފަލްސަފާއެއް ހޯދުމަށް މަސައްކަތްކުރާ، ލީޑަރެއް ނެތް ބޮޑު ބާރެއްގެ ގޮތުގައެވެ. ތަޖުރިބާކާރުން ދެކޭ ގޮތުގައި އިޓަލީގެ ގައުމީ ޓީމު މިވަނީ ދުނިޔޭގެ ނިސްބަތުން އެންމެ ދަށު ދަރަޖައަކަށް ވެއްޓިފައެވެ. އަދި އިޓަލީއަށް މިވަގުތު ދިމާވެފައި މިއޮތް ހާލަތަކީ މިއީ ހަމައެކަނި ރަނގަޅު ކޯޗަކު އައިސްގެން ހައްލުވާނެފަދަ މައްސަތަކެއް ނޫންކަމަށާއި މިއީ މުޅި ނިޒާމު އިސްލާހުކުރަން ޖެހިފައިވާ ކަމުގެ އިޝާރާތެއް ކަމަށް އިޓަލީގެ ފުޓުބޯޅައިގެ ތަޖުރިބާކާރުން ބުނެ އެވެ.
Ads by MACL
