ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ތިން އިންތިޚާބުގެ ވޯޓުލުން: 2 ގަޑިއިރުގެ ތެރޭ 41،000 މީހުން ވޯޓުލައިފި

ވޯޓުލުން ކުރިއަށް ދަނީ. ފޮޓޯ: މިހާރު
ވޯޓުލުން ކުރިއަށް ދަނީ. ފޮޓޯ: މިހާރު

މިހާރު ފެށިގެން ކުރިއަށް ދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް އަދި ހިޔާލު ހޯދުމުގެ ވޯޓުގައި މިހާތަނަށް 41،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ދެންމެ ބުނެފި އެވެ.

ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ގަ އެވެ.


މި ތިން އިންތިހާބުގައި ވޯޓުލުމަށް ބަހައްޓާފައިވަނީ ޖުމުލަ 588 ވޯޓު ފޮށްޓެވެ.



އީސީން ބުނީ ހެނދުނު 10:00ގެ ނިޔަލަށް މިހާތަނަށް 41،162 މީހުން ވޯޓު ލަފާއިވާ ކަމަށެވެ. އެއީ 16،166 އަންހެނުންނާއި 24،996 ފިރިހެނުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 253،714 މީހުންގެ 13.96 ޕަސެންޓެވެ.

މިއަދުގެ ހަވީރު ހަތަރެއް ޖަހަންދެން މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޖުމުލަ 2،961 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެރިކަންކުރާ ޕީއެންސީންނެވެ. އެއީ 1،322 ކެންޑިޑޭޓުންނެވެ.



ދެވަނަ އަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނު އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންގެ އަދަދަކީ 905 އެވެ. އެމްޑީއޭ އިން 57، ޖުމްހޫރީ ޕާޓީން 15، އަދާލަތު ޕާޓީން ނުވައެއް އަދި ދަ ޑިމޮކްރެޓްސް އިން އަށް ކެންޑިޑޭޓުން ވާދަކުރެ އެވެ. އަމިއްލަ ގޮތުން އެ ދެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އަދަދަކީ 645 އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެކަނި 1،593 ކެންޑިޑޭޓުން ވާދަކުރާއިރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް 1،368 ކެންޑިޑޭޓުން ވަނީ ނުކުމެފަ އެވެ. ތިން އިންތިހާބަށް 888,845 ވޯޓު ކަރުދާސް ޗާޕްކުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.