3 މިލިއަން ރުފިޔާގެ ދޯނި ހޯދުމަށް ދިވެހި ސިފައިން ކޮށްދިން މަސައްކަތަށް ވެރިފަރާތުގެ ހާއްސަ ޝުކުރު!
އިއްޔެ 5 ފަޅުވެރިންނާއިއެކު ގދ ގައްދޫއިން ފުރައިގެން ހުޅުމާލެއަށް ދަތުރު ކުރަމުންދިޔަ ދޯނި ގެއްލިގެން ވެރިފަރާތުގެ ކަންބޮޑުވުން އިންތިހާއަށް އޮތެވެ.
އިއްޔެ ހަވީރު އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ދޯނީގެ ވެރިފަރާތުން ރިޕޯޓުކޮށްފައިވަނީ އިއްޔެ ހެނދުނު 9 ޖަހާއިރަށް ލާމު އަތޮޅަށް ވަންނަން ޖެހޭކަމަށެވެ. އެހެންނަމަވެސް ދޯންޏަށް ވެސް ގުޅޭގޮތްނުވެ އެގަޑިއަށް ލާމަށް ވަދެއްޖެ ކަމުގެ މައުލޫމާތެއް ނުލިބުމުން އެމްއެންޑީއެފްގެ އެހީތެރިކަމަށް ވަނީ އެދިފައެވެ.
އެގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ދޯނި ހޯދުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރި މަސައްކަތުން އެ ދޯނި ހޯދާފައި ވަނީ އެޕްރީލު 29 ވަނަ ދުވަހުގެ ފަތިހު 04:00 ހާއިރު، ގއ.ވިލިގިނލީގެ އިރުއުތުރުން 48 މޭލު ބޭރުގައި އޮއްވައެވެ. އެ ދޯނި ފެނުނު އިރު ދޯނީގެ އިންޖީނު ވަނީ ހުއްޓިފައެވެ.
Ads by BML
ދޯނީގެ ވެރިފަރާތް އިސްމައިލް މައްސޫދު މައުލޫމާތު ދެއްވަމުން ވިދާޅުވީ ރޭ ފަތިހު އެމްއެންޑީއެފުން އޭނާއަށް ގުޅައި ދޯނި ފެނިއްޖެ ކަމުގެ މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އޭރު ދޯނި ވަނީ ރާއްޖެއަށް 48 މޭލު ބޭރުގައި ކަމަށެވެ. އަދި ދޯނީގެ ފަޅުވެރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
އަޑީތެޔޮ ލީކު ވެގެން ދިމާވި މައްސަލައެއް އެއީ. ވަރަށް ބޮޑަށް ޝުކުރުވެރިވަން ދިވެހި ސިފައިން ކޮށްދިން މަސައްކަތް. އަތޮޅު ތެރެ ނަމަ ލޯންޗްތައް ފޮނުވައިގެން ބެލިދާނެ. އެހެންނަމަވެސް ބޭރުކަނޑު ބަލައި ހޯދުން ވާނީ އުނދަގޫ ކަމަށް. ހަމަވަރަށް ބޮޑަށް ޝުކުރު ދަންނަވަން- މައްސޫދު
ދޯންޏަކީ ތިން މިލިއަން ރުފިޔާގެ ދޯންޏެއް ކަމަށާއި، ދޯނި ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ދޯންޏާއި ކައިރިއަށް ދެވެންދެން އެމްއެމްޑީއެފުން ދޯނި ކައިރީގައި މަޑުކުރާނެކަމަށް މައުލޫމާތު ދީފައިވާ ކަމަށް މައްސޫދު ބުންޏެވެ.
ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސިފައިންގެ އެންމެ ބޮޑު މަސްއޫލިއްޔަތެވެ. އަދި ވަސީލަތްތަކާއި އެކު ސިފައިންގެ އޮޕަރޭޝަންސްތައް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.
Ads by MACL
