އެޕްރީލް 5 އަދި 6, ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި
ކުރިއަށް އޮތް އެޕްރީލް މަހުގެ 5 ވާ އާދީއްތަ ދުވަހާއި، އެޕްރީލް 6 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ދެ ދުވަސް ބަންދު ދުވަހުގެ ގޮތުގައި ހަމަޖެއްސެވީ، 2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލުހޯދުމުގެ އާންމު ވޯޓާ ގުޅިގެންނެވެ.
އެޕްރީލް 5 ވާ އާދީއްތަ ދުވަސް ބަންދުކުރަން ނިންމެވީ، އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ދައުލަތުގެ މުއައްސަސާތަކާއި ސިވިލް ސަރވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާތީ، އެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައިވާތީ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
Ads by BML
މީގެ އިތުރުން، އިންތިޚާބަށް ފަހުގައި ވެސް އިންތިޚާބާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރިއަށްދާނެތީ، އެޕްރީލް 6 ވާ ހޯމަ ދުވަސް ވެސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިވަޑައިގެންފައެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ކޮމިޝަނުގެ އެދިވަޑައިގަތުމާ އެއްގޮތަށް އެ ދެ ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.
Ads by MACL
