ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ލޯކަލް ކައުންސިލް އިންތިހާބުގެ ގިނަ ގޮނޑިތަކެއް ޕީއެންސީން ކާމިޔާބުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބުގެ ގިނަ ގޮނޑިތަކެއް ޕީއެންސީން ކާމިޔާބުކޮށްފި

އިއްޔެ ކުރިއަށްގެންދިޔަ ލޯކަލް ކައުންސިލުތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަންތަކުގައި ވެރިކަންކުރާ ޕީއެންސީން ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ. މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، ގިނަ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސްކަމާއި ގިނަ އަދަދެއްގެ ގޮނޑިތައް ކާމިޔާބުކޮށްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.

މިހާތަނަށް އާއްމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ކައުންސިލުތަކުގެ އިންތިހާބުގައި ޕީއެންސީން ވަނީ 252 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުކުރެވުނީ 221 ގޮނޑި އެވެ. މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި މިނިވަން ކެންޑިޑޭޓުން ވަނީ 74 ގޮނޑި ކާމިޔާބުކޮށްފަ އެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) ނަތީޖާއަށް ބަލާއިރުވެސް ކުރީގައި އުޅެނީ ޕީއެންސީއެވެ. އެގޮތުން ޕީއެންސީން 167 ގޮނޑި ކާމިޔާބުކުރިއިރު، އެމްޑީޕީއަށް މުޅި ރާއްޖެއިން ކާމިޔާބުކުރެވުނީ 145 ގޮނޑިއެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި 49 ކެންޑިޑޭޓަކު ވަނީ ޑަބްލިއުޑީސީގެ ގޮނޑިތައް ކާމިޔާބުކޮށްފައެވެ.

އިންތިހާބުގެ ނަތީޖާތަކުން ފާހަގަކުރެވޭ ގޮތުގައި، ގިނަ ރަށްރަށުގެ ކައުންސިލް ރައީސްކަން ކާމިޔާބުކުރީވެސް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓުންނެވެ. މިއީ އެ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބެލެވެއެވެ.

ސިޓީތަކުގެ މޭޔަރުކަން ޕީއެންސީއަށް ގެއްލުނު ނަމަވެސް، ރަށްރަށުގެ ކައުންސިލުތަކުގެ އަޣުލަބިއްޔަތު ޕީއެންސީން ވަނީ ދަމަހައްޓާފައެވެ. މި ނަތީޖާއާއެކު ރަށްރަށުގެ ތަރައްގީގެ މަސައްކަތްތަކުގައި ސަރުކާރު ހިންގާ ޕާޓީގެ ދައުރު ބޮޑުވެގެންދާނެއެވެ.