ކޮންމެ ނާކާމިޔާބީއަކީ އެކަމާމެދު ވިސްނާ، ހިތްވަރުކޮށް، ގަދައަޅާ މަސައްކަތް ކުރުމަށް ލިބޭ ފުރުޞަތެއް: މުއްތަލިބު
ޚިދުމަތް ކުރުމުގައި ސާފު މަޤްޞަދެއް އޮތް މީހަކު ތާރީޚުގެ ދެ ޞަފްޙާ ދޭތެރެއިން ނުގެއްލޭނެ ކަމަށާއި، ކޮންމެ ނަތީޖާއަކީ ނިމުމެއް ނޫން ކަމުގައި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެ އެވެ.
ވަޒީރު މިހެން ވިދާޅުވީ ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރުގެ ޕޯސްޓުގައި ވިދާޅުވީ ޑިމޮކްރަސީގެ މަގަކީ އަބަދު ސީދާކޮށް އޮންނަ ނުވަތަ އެއްކޮޅަކަށް ވައިޖެހޭ މަގެއް ނޫން ކަމަށެވެ. ބައެއް ފަހަރު ރައްޔިތުން ތިމާގެ ފަހަތުގައި ތިބެ ވަޔާ އެއްކޮޅަށް ދަތުރުކުރަން ބުނާނެ ކަމަށާއި، އަދި ބައެއް ފަހަރު ކުރިމަތިން ހުރަސްއަޅައި ވަޔާ ދެކޮޅަށް ދަތުރުކުރަން ވެސް ބުނާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"ކޮންމެ ނަތީޖާ އަކީ ނިމުމެއް ނޫނެވެ. ކާމިޔާބީ އަކީ އެކަމާމެދު ހިތްތިރި ކުރަންޖެހޭ ކަމެކެވެ. ހަމައެހެންމެ ނާކާމިޔާބީއަކީ އެކަމާމެދު ވިސްނާ، ހިތްވަރުކޮށް، ގަދައަޅާ މަސައްކަތް ކުރުމަށް ލިބޭ ފުރުޞަތެކެވެ." ވަޒީރު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ރައްޔިތުންނަށް ޚިދުމަތް ކުރުން މިނަން ޖެހޭނީ ހަމައެކަނި ލިބޭ ކާމިޔާބީއަކުން ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
Ads by BMLޑރ. މުއްތަލިބު އިތުރަށް ވިދާޅުވީ، ޑިމޮކްރަސީގައި ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކީ އެއަށް އެންމެން އިޙްތިރާމް ކުރަންޖެހޭނެ ނިންމުމެއް ކަމަށެވެ. ރައްޔިތުންގެ ޚިދުމަތްތެރިންނަކީ ރައްޔިތުންގެ ނިންމުމުން ހިމޭންކަމުގައި ހުރެ، އެއިން ފިލާވަޅު ލިބިގަނެ، އަބުރުވެރިކަމާއެކު ހިތްވަރު ކުރަންޖެހޭނެ ބައެއް ކަމުގައި ވަޒީރު ސިފަކުރެއްވި އެވެ.
ތާރީޚަކީ އެންމެ ދުވަހަކުން ލިޔެވޭ އެއްޗެއް ނޫން ކަމަށާއި، އެއީ ބައިބަޔަށް ލިޔެވެމުންދާ އެއްޗެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، "ޚިދުމަތްކުރުމުގައި މަޤްޞަދެއް އޮތް މީހަކު ދެ ޞަފްޙާ ދޭތެރެއިން ނުގެއްލޭނެ" ކަމަށެވެ. ވަޒީރުގެ މި ވާހަކަފުޅުތަކުން ބާރުއެޅުއްވީ ސާބިތުކަމާއެކު ކަންކަން އިސްލާޙުކޮށް، ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރާ މަސައްކަތް ކުރިއަށް ގެންދިއުމަށެވެ.
Ads by MACL
