މުހުލަތު ހަމަވުމުގެ ކުރިން ޓްރަމްޕް އީރާނަށް އަނެއްކާ ވެސް އިންޒާރުތަކެއް ދީފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިޒްރޭލުން ގުޅިގެން އީރާނަށް ދެމުންދާ ޕްރެޝަރުތައް އިތުރުކޮށް، ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް ނުވަތަ އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފި އެވެ.
މި އިންޒާރުތައް އައިސްފައިވަނީ ވައްޓާލާފައިވާ އެމެރިކާގެ ދެ ހަނގުރާމަމަތީ ބޯޓުގެ ތެރެއިން އެއް ބޯޓުން ގެއްލުނު ސިފައިންގެ މީހަކު ހޯދުމުގެ މަސައްކަތް އީރާނާއި އެމެރިކާގެ ފައުޖުތަކުން ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ރައީސް ޓްރަމްޕް އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރުތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހޯރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް ނުވަތަ އެއްބަސްވުމަކަށް އައުމަށް އީރާނަށް ދިން މުހުލަތު ހަމަވާން މިހާރު އޮތީ އެންމެ 48 ގަޑިއިރު ކަމަށެވެ.
"މި މުހުލަތު ހަމަވުމުން އީރާނުގެ މައްޗަށް ފޮނުވާނީ އަލިފާނުގެ ހޫނު އަޒާބު،" ޓްރަމްޕް އިންޒާރު ދެއްވިއެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން ގުޅިގެން އީރާނަށް ބޮމުގެ ހަމަލާތައް ދޭން ފެށި ފަހުން ޓްރަމްޕްގެ ބަސްމަގު ހުރީ ބައެއް ފަހަރު ޑިޕްލޮމެޓިކް ވާހަކަތަކަށް ބާރުއަޅާ ގޮތަށް ނަމަވެސް، އަނެއްބައި ފަހަރު އީރާން "ހިލަ ޒަމާނަށް" ފޮނުވާލާނެ ކަމުގެ އިންޒާރުތަކުންނެވެ.
އިޒްރޭލުގެ ދިފާއީ އިސް އޮފިޝަލަކު ހާމަކުރެއްވި ގޮތުގައި، އީރާނުގެ ހަކަތަ އުފައްދާ މަރުކަޒުތަކަށް ހަމަލާދިނުމަށް އިޒްރޭލުން ދަނީ ތައްޔާރުވަމުންނެވެ. މި ހަމަލާތައް ދިނުމަށް އެމެރިކާގެ ހުއްދައަށް އިންތިޒާރު ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި ހަމަލާތައް ދޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން ވެސް ޓްރަމްޕް ވަނީ އޭނާގެ ޝަރުތުތަކަށް އީރާނުން އެއްބަސްނުވާނަމަ އެ ގައުމުގެ އިންޖީނުގެތަކަށް ހަމަލާދޭނެ ކަމަށް ވިދާޅުވެފައެވެ.
މި އިންޒާރުތަކާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ، ހަމަލާތައް އިތުރަށް ވަރުގަދަކޮށްފިނަމަ މުޅި ސަރަހައްދު އެމެރިކާ އާއި އިޒްރޭލަށް "ނަރަކައަކަށް" ވެގެންދާނެ ކަމަށެވެ. އަދި އީރާނުގެ ބޫޝެހްރު ނިއުކްލިއާ ޕަވަރ ޕްލާންޓް ކައިރިއަށް ދިން ހަމަލާތަކާ ގުޅިގެން، ރޭޑިއޭޝަން ބޭރުވުމުގެ ނުރައްކާ އޮތް ކަމަށް ވިދާޅުވެ އޭނާ ވަނީ އދ. އަށް ސިޓީއެއް ފޮނުއްވާފައެވެ.
އީރާނުން ބުނާ ގޮތުގައި އެ ގައުމުން ސުލްހައިގެ ވާހަކަތަކަށް ދެކޮޅެއް ނުހަދައެވެ، ނަމަވެސް އެކަން ކުރެވޭނީ އީރާނުގެ މައްޗަށް މަޖުބޫރުކޮށްފައިވާ "ޣައިރު ގާނޫނީ ހަނގުރާމަ" ދާއިމީކޮށް ހުއްޓާލުމުގެ ޝަރުތުގެ މަތިންނެވެ.
ހަވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައިވާ މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޯރްމުޒް ކަނޑުއޮޅި އީރާނުން ބަންދުކޮށްފައިވާއިރު، އީރާނުން ދަނީ އިޒްރޭލަށާއި އެމެރިކާގެ ބައެއް އަސްކަރީ މަރުކަޒުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ. މީގެ ތެރޭގައި ޔޫއޭއީ އާއި ކުވެއިތުގައި ހުރި އެމެރިކާގެ މަސްލަހަތު އޮތް ތަންތަން ހިމެނެއެވެ.
Ads by MACL
