ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހަރަދުކުޑަކުރަން މިފްކޯގެ ރަސްމީ ގަޑި ކުރުކުރަން ނިންމައިފި

ހަރަދުކުޑަކުރަން މިފްކޯގެ ރަސްމީ ގަޑި ކުރުކުރަން ނިންމައިފި

ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށްޓަކައި މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް މާކެޓިން ކޯޕަރޭޝަން (މިފްކޯ) ގެ ރަސްމީ މަސައްކަތު ގަޑި މާދަމާއިން ފެށިގެން ކުރުކުރުމަށް އެ ކުންފުނިން ނިންމައިފި އެވެ.

މިފްކޯގެ ސީނިއާ މެނޭޖާ ޕަބްލިކް ރިލޭޝަންސް، ޝިފްޒާ މުސްތަފާ ވިދާޅުވީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ކުންފުނީގެ ހަރަދުތައް ކުޑަކުރަން މެނޭޖްމަންޓުން ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށެވެ. މީގެ ތެރޭގައި ރަސްމީ މަސައްކަތު ގަޑި ކުރުކުރުމުގެ އިތުރުން ހަރަދު ކުޑަކުރުމުގެ އެހެނިހެން ފިޔަވަޅުތައް ވެސް ހިމެނެ އެވެ.

މިފްކޯގައި މިހާރު ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 8 އިން ހަވީރު 4 އަށެވެ. ނަމަވެސް، މާދަމާއިން ފެށިގެން އެ ވަގުތު ވަނީ ހެނދުނު 8 އިން މެންދުރު 2 އަށް ކުރުކޮށްފަ އެވެ.

ޝިފްޒާ ވިދާޅުވީ އިދާރީ މުވައްޒަފުންގެ ރަސްމީ ވަގުތު ކުރުކޮށްލިޔަސް، ކުންފުނީގެ އޮޕަރޭޝަނަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، މިފްކޯގެ ފިހާރަތަކުން ކުރިއެކޭ އެއްގޮތަށް ހިދުމަތް ލިބޭނެ ކަމަށެވެ.

އެ ކުންފުނިން މުވައްޒަފުންނަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ މެންދުރު 2 ގެ ފަހުން އިދާރީ އޮފީސްތައް ހުޅުވޭނީ އެ ޑިޕާޓްމަންޓުގެ އެޗްއޯޑީ ނުވަތަ ސީއީއޯގެ ބިއުރޯއިން ބޭނުންވެގެން ކަމަށެވެ. އަދި ބަންދު ވަގުތުތަކުގައި ކޮންމެހެން މަސައްކަތަށް މުވައްޒަފުން ނެރެން ޖެހޭނީ އެޗްއޯޑީގެ ހުއްދަ ދުވަހުން ދުވަހަށް ލިޔުމުން ލިބިގެން ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

މީގެ އިތުރުން، ތެލަށް ހިނގާ ހަރަދު ކުޑަކުރުމަށްޓަކައި މަސައްކަތު މާހައުލާއި އެކޮމޮޑޭޝަން އަދި އާއްމު ތަންތަނުގައި އެއާ ކޮންޑިޝަނާއި ކަރަންޓު ސާމާނު ބޭނުންކުރުން މަދުކުރުމަށް މުވައްޒަފުންނަށް ވަނީ އިރުޝާދު ދީފަ އެވެ. އަދި ގޭގައި މަސައްކަތްކުރެވޭނެ ވަސީލަތް ހުރި މުވައްޒަފުން އޮފީސް ގަޑީގެ އިތުރުން ގޭގައި މަސައްކަތް ކުރުމަށާއި، ހެޑް އޮފީހުގެ ހުއްދަ ލިބިގެން މެނުވީ ދަތުރުތައް ނުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.