ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ހަރުކަށި ޑިމާންޑްތައް ކުރުމުގެ ބަދަލުގައި އީރާނާއެކު މަޝްވަރާކުރަން ދަސްކުރަންޖެހޭ: ރަޝިއާ

ހަރުކަށި ޑިމާންޑްތައް ކުރުމުގެ ބަދަލުގައި އީރާނާއެކު މަޝްވަރާކުރަން ދަސްކުރަންޖެހޭ: ރަޝިއާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނަށް އެކި ކަހަލަ ޝަރުތުތަކާއި ޑިމާންޑްތައް ކުރިމަތިކުރުމުގެ ބަދަލުގައި، އެ ގައުމާއެކު މަޝްވަރާކޮށްގެން ކަންކަން ހައްލުކުރަން ދަސްކުރަންޖެހޭ ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވެއްޖެ އެވެ.

ލަވްރޯވް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މީޑިއާތަކަށް ދެއްވި ބަޔާނެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އެއް ފަރާތުން އަނެއް ފަރާތަށް ޑިމާންޑްތައް ހުށަހެޅުމަކީ ހަގީގީ ޑިޕްލޮމަސީއެއް ނޫނެވެ. އަދި އީރާނަކީ އަމިއްލަ ސިޔާދަތެއް އޮތް ގައުމަކަށް ވާއިރު، އެ ގައުމަށް މަޖުބޫރުކޮށްގެން ކަންކަން ކުރުވުމުގެ ސިޔާސަތު ކާމިޔާބު ނުވާނެ ކަމަށްވެސް ލަވްރޯވް އިޝާރާތް ކުރެއްވިއެވެ.

"އިދިކޮޅު ފަރާތަށް ހަރުކަށި ޑިމާންޑްތައް ކުރިމަތިކުރުމުގެ ބަދަލުގައި، ޓްރަމްޕް ޖެހޭނީ އީރާނާއެކު މަޝްވަރާކުރަން ދަސްކުރަން،" ލަވްރޯވް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން އޭނާ ވަނީ މީގެ ކުރިން ޓްރަމްޕްގެ ވެރިކަމުގައި އީރާނާއެކު އޮތް ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވި ވަކިވުމަށްވެސް ނުސީދާކޮށް ފާޑުވިދާޅުވެފައެވެ.

މި ބަޔާނަކީ އެމެރިކާގެ ރައީސް ޓްރަމްޕް އީރާނާ މެދު ގެންގުޅުއްވާ ހަރުކަށި ސިޔާސަތުތަކާ މެދު ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ ދަނޑިވަޅެއްގައި ދެއްވި ބަޔާނެކެވެ. ރަޝިޔާއިން ދެކޭގޮތުގައި މެދުއިރުމަތީގެ ހަމަޖެހުމަށްޓަކައި ބޮޑެތި ބާރުތަކުން އީރާނާއެކު އިހުތިރާމްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ބޭއްވުން މުހިންމެވެ.