އީރާނުން މިސައިލް ހަމަލާއެއްދީ އިޒްރޭލުގެ އެންމެ ބޮޑު ޑްރޯން އުފައްދާ ފެކްޓްރީ ސުންނާފަތިކޮށްލައިފި
އިޒްރޭލުގެ ވިޔަފާރި މަރުކަޒީ ސިޓީ، ތެލް އަވީވްގައި ހުރި ޑްރޯން އުފައްދާ ފެކްޓްރީއަކަށް އީރާނުން ފޮނުވާލި މިސައިލެއް ސީދާ އަމާޒަށް އަރައި، އެ ތަން މުޅިން ސުންނާފަތިވެފައިވާ ކަމަށް އިޒްރޭލުގެ މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.
އިޒްރޭލުގެ މަޝްހޫރު ނޫހެއް ކަމަށްވާ "ޔެޑިއޮތް އަހްރޮނޮތް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާގެ ސަބަބުން އެ ފެކްޓްރީއަށް ވަނީ އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި އެ ތަނަކީ ދެން ދުވަހަކު ވެސް އޮޕަރޭޓް ކުރެވޭނެ ތަނެއް ނޫން ކަމަށް އެ ނޫހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މި ހަމަލާއަކީ އީރާނުން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި މިސައިލްތަކުގެ ތެރެއިން ސީދާ އަމާޒަށް ވާސިލްވި ނުރައްކާތެރި ހަމަލާއެކެވެ. މި ހަމަލާއާ ގުޅިގެން އިޒްރޭލުގެ އަސްކަރީ ގާބިލުކަމަށް، ހާއްސަކޮށް ޑްރޯން އުފެއްދުމުގެ ދާއިރާއަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް ބެލެވެއެވެ.
Ads by BMLއިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާއަކީ ފަހުގެ ތާރީޚެއްގައި އިޒްރޭލުގެ ސިނާއީ މަރުކަޒަކަށް ލިބުނު އެންމެ ބޮޑު އެއް ގެއްލުމެވެ.
Ads by MACL
